2024 ވަނަ އަހަރު ފާއިތުވެގެންދިޔައިރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، އެ އަހަރު ބަޖެޓުގައި ހިމަނައިގެން ކުޅުދުއްފުށީގައި ފެށުމަށް ނިންމާފައިވާ އެއްވެސް ކަމެއް ކުރިއަށް ގޮސްފައި ނުވުން ކަމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އާތިފް ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި 2024 ވަނަ އަހަރު ކުޅުދުއްފުށީގައި ކުރިއަށްގެންދިއުމަށް ހިމަނާފައިވާ މަޝްރޫއުތަކުގެތެރެއިން ހަމަ އެންމެ މަޝްރޫއުއެއް ވެސް ނުފެށި، މައިސަރުކާރުން ކުރިން ހިންގަމުންއައި ގިނަ މަޝްރޫތަކުގެ މަސައްކަތްވެސް އެއްކޮށް ހުއްޓިފައި އޮތުމުން ހިތާމަކުރާ ކަމަށެވެ.

Ad
rt

ބަޖެޓްގައި ހިމަނާފައިވާ މަޝްރޫއު ތަކުގެތެރެއިން ގެދޮރުވެރިކަމުގެ މަޝްރޫތަކާއި، އިންޑަސްޓްރިއަލް ޒޯން ހިއްކާ ލޯކަލްކޮމާސިއަލް ހާބަރ ތަރައްގީ ކުރުމުގެ މަޝްރޫއުއާއި، ރީޖަނަލް ޕެކޭޖިން ފެސިލިޓީގެ މަސައްކަތާއި، ރެކްރިއޭޝަނަލް ހަބް ޤާއިމުކުރުމުގެ މަޝްރޫއުއާއި، ރީޖަނަލް އެމަޖެންސީ އޮޕަރޭސަން ސެންޓަރާއި، ސިންތަޓިކް ޓްރެކްގެ މަސައްކަތާއި އިންޑޯ ސްޕޯރޓްސް ކޮމްޕްލެކްސް ގެ މަސައްކަތް ނުފެށި އޮތްކަން މޭޔަރ ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެއިތުރުން ހޮސްޕިޓަލްގެ ތަރައްގީއަށް ބަޖެޓްކޮށްފައިވާ މަޝްރޫއުތަކާއި ސްޓޭޓް އޮފް އާރޓް ޓިވެޓް އިންސްޓިޓީއުޝަން ގާއިމުކުރުމުގެ މަސައްކަތާއި، ސްކޫލްތަކުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުއާއި، ކުޅީގެ ހައިޑްލޮޖީ ރަނގަޅުކުރުމުގެ މަސައްކަތް ވެސް ފެށިފައިނުވާ ކަމުގައި އާތިފް ވިދާޅުވިއެވެ.

މި ސަރުކާރުގެ ހަފްތާ 14 ގެ ދަށުން ކުޅުދުއްފުއްޓަށް ވެފައިވާ ހަމައެކަނި ވައުދު ކަމުގައިވާ އެއަރޕޯޓް ޓާމިނަލް އެކްސްޓެންޝަންގެ މަސައްކަތް 58 ހަފްތާ ނިމުނުއިރުވެސް ނުފެށި އޮތުމަކީ ހިތާމަކުރާކަމުގައި އާތިފް ވިދާޅުވިއެވެ.

ފާއިތުވި އަހަރު ނިމިގެން ދިޔައިރު ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސިޓީ ކައުންސިލުން ރައްޔިތުންގެ ހިޔާލާއެކު އެކުލަވާލެވުނު އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނި ކަންތައްތަކުގެތެރެއިން %95 އަށްވުރެ ގިނަ މަސައްކަތްތައް ކުރެވި، މަސައްކަތު ތާވަލުގެ އިތުރުންވެސް ކާމިޔާބުކަމާއެކު ގިނަ މަސައްކަތްތަކެއް ކުރެވުން ކަމުގައި އާތިފް ވިދާޅުވިއެވެ.