ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކްލަބް ޕޯލްސްޓާއިން އިންތިޒާމް ކޮށްގެން މާލެއިން އުތުރުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ "ބިއުޓިފުލް ބުލޫ މައިކަޕް 2024" ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލައިފިއެވެ.
މި މުބާރާތުގައި ހަ ރަށަކުން ޖުމްލަ ނުވަ ޓީމް ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި އިހަވަންދޫ ހަތަރު ޓީމް ހިމެނެއެވެ. އެ ޓީމްތަކަކީ ކްލަބް އިރަމާ، ސެންސިޓީ، ކުޅިމަގުގެ އިތުރުން އެންވީކޭއެވެ. ދެން މި މުބާރާތުގައި ދެން ބައިވެރިވެފައި ވަނީ ބީބީ ބްރަދާސް، އިލިގަން، ތުރާކުނު، ހޯރަ ޔުނައިޓެޑްގެ އިތުރުން ހީވެސްނުވޭއެވެ.
މުބާރާތުގެ ގުރުއަތުލުން ރޭ ކުރިއަށް ގެންގޮސްފައިވާއިރު ގްރޫޕް "އޭ" އަށް ގޮސްފައި ވަނީ އިހަވަންދޫގެ ހަތަރު ޓީމެވެ. އިހަވަންދޫއަށް ނިސްބަތްނުވާ އަނެއް ފަސް ޓީމް ދިޔައީ ގްރޫޕް "ބީ" އަށެވެ.
މުބާރާތް އަންނަ ހޮނިހިރު ދުވަހު (21 ޑިސެމްބަރ) ގައި ފަށާއިރު އެ ދުވަހު ހަވީރު ކުޅޭ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ކްލަބް އިރަމާ އާއި ސެންސިޓީއެވެ. ދެވަނަ މެޗުގައި އެ ރޭ ވާދަކުރާނީ ކުޅިމަގާއި އެންވީކޭއެވެ.
މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށެވެ. ސެމީގައި ގްރޫޕް އޭ ގެ އެއްވަނަ ޓީމް ވާދަކުރަން ޖެހޭނީ ގްރޫޕް ބީ ގެ ދެވަނަ ޓީމާއެވެ. ގްރޫޕް އޭ ގެ ދެވަނަ ޓީމް ވާދަކުރަން ޖެހޭނީ ގްރޫޕް ބީ ގެ އެއްވަނަ ޓީމާއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި 100000 (އެއްލައްކަ) ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ރަނަރަޕް ޓީމަށް 35000 (ތިރީސްފަސްހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
2007 ވަނަ އަހަރުންފެށިގެން މިހާތަނަށް މައިކަޕްގެ 13 މުބާރާތެއް ބާއްވާފައިވެއެވެ. މިއީ މި މުބާރާތް ބާއްވާ 14 ވަނަ ފަހަރެވެ. މިއީ މިސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެންމެ އަގުބޮޑު އެއް މުބާރާތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!