އަންނަ 2025 އަހަރު ހައްޖަށް ދިޔުމަށް ޖާގަ ލިބިފައިވާކަން ޔަގީންކަން ދެވިފައިވާ އެންމެންނަށް ހައްޖަށް ދެވޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރުގެ ހައްޖަށް މީހުން ގެންދިޔުމުގައި ނުފޫޒުކަންކަން ނިންމާކަމަށް ދޭހަވާގޮތަށް މީސްމީޑިއާގައި އަންނަނީ ބައެއް މީހުން އަޑުފަތުރަމުންނެވެ.
މިގޮތަށް އަޑުފަތުރާތީ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ ހިޖުރީ 1446 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ޖާގަ ހައްޖު ކޯޕަރޭޝަންގެ ސިސްޓަމްގެ ތެރެއިން ޔަޤީންކަން ދެވިފައިވާ އެންމެހައި ފަރާތްތަކަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.
1446 (2025) ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ޖާގަ ކޯޕަރޭޝަންގެ ސިސްޓަމްގެ ތެރެއިން ޔަޤީންކަން ދެވިފައިވާ އެންމެހައި ފަރާތްތަކަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ލިބޭނެ. އިންޝާ ﷲ
— Mohamed Shaheem Ali Saeed (@Mohamedshaheem1) December 3, 2024
ހައްޖު ކޯޕަރޭޝަންގެ ހައްޖު ކިއުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަކަށް ނުފޯރުވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ވެސް ކުރިން ވަނީ ބުނެފައެވެ.
ސައޫދީއަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެ އަށް ދޫކޮށްފައިވާ ކޯޓާއަކީ މި ފަހުން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް 1000 ކޯޓާއެވެ.
މި ސަރުކާރުން ނިންމާފައި ވަނީ މި 1000 ކޯޓާ ހައްޖު ކޯޕަރޭޝަންދިނުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!