މެކްސިކޯއިން އެމެރިކާއަށް ޖަވާބުދާރީވާނެކަމަށް ބުނެ އިންޒާރުދީފިއެވެ.
މެކްސިކޯގެ ރައީސް ކްލޯޑިއާ ޝެއިންބައުމް ވިދާޅުވެފައިވަނީ އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕޯޓް ޓެކްސް 25 އިންސައްތައަށް އިތުރުކުރުމަށް ހުށަހަޅުއްވާފައިވާ ހުށަހެޅުމަށް މެކްސިކޯއިން ޖަވާބުދާރީވާނެ ކަމަށެވެ. މެކްސިކޯގެ ސަރުކާރުން އިންޒާރުދެއްވާފައިވަނީ މިކަމުގެ ސަބަބުން އެމެރިކާގެ 400،000 ވަޒީފާ ގެއްލިދާނެ ކަމަށެވެ.
ބުދަ ދުވަހު ބޭއްވި އާންމު ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޝެއިންބައުމް ވިދާޅުވީ "އެމެރިކާއިން ޓެރިފް ނަގާނަމަ، މެކްސިކޯއިން ވެސް ޓެރިފް އިތުރުކުރާނެ" ކަމަށެވެ. މިއީ މެކްސިކޯގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާއާ ދެކޮޅަށް އަޅަން ގަސްދުކުރާ ފިޔަވަޅުތަކާ ގުޅޭގޮތުން އެމަނިކުފާނު ދެއްވާފައިވާ އެންމެ ސާފު ބަޔާނެވެ.
މެކްސިކޯގެ ސެކްރެޓަރީ އޮފް ފޮރިން އެފެއާޒް މިނިސްޓަރ މާސެލޯ އެބްރާޑް ވިދާޅުވެފައިވަނީ އިމްޕޯޓް ޓެކްސްތަކުގެ ހަނގުރާމައެއްގެ ބަދަލުގައި ސަރަޙައްދީ އެއްބާރުލުމާއި އެކުވެރިކަން އިތުރުކުރަން ޖެހޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޓްރަމްޕްގެ ހުށަހެޅުމަކީ "އަމިއްލަ ފަޔަށް ބަޑި ޖެހުން" ފަދަ ކަމެއް ކަމަށެވެ. އަދި މިއީ މެކްސިކޯ، ކެނެޑާ އަދި އެމެރިކާ ދެމެދު ވެފައިވާ ޔޫއެސްއެމްސީއޭ ވިޔަފާރި އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
މެކްސިކޯގެ އިކޮނޮމިކް މިނިސްޓަރ އެބްރާޑް އިންޒާރުދެއްވާފައިވަނީ މި ޓެރިފްތަކުގެ ސަބަބުން އެމެރިކާގެ ވަޒީފާތައް ބޮޑުތަނުން ގެއްލި، އިޤްތިޞާދީ ދުވެލި ދަށްވެ، އަދި މެކްސިކޯގައި އުފައްދާ އެމެރިކާގެ ކުންފުނިތަކަށް ދެގުނަ ޓެކްސް ދައްކަން ޖެހިގެން ދާނެ ކަމަށެވެ. "ކުންފުނިތަކަށް ކުރާނެ އަސަރު ވަރަށް ބޮޑު" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މި ހުށަހެޅިފައިވާ ޓެރިފްތަކުގެ ސަބަބުން އޮޓޯމޯޓިވް ދާއިރާގެ އެންމެ ބޮޑެތި ބޯޑަރު ހުރަސްކޮށް އެކްސްޕޯޓްކުރާ ކުންފުނިތަކަށް، ޚާއްޞަކޮށް ފޯޑް، ޖެނެރަލް މޯޓަރސް އަދި ސްޓެލަންޓިސްއަށް ބޮޑު އަސަރެއް ކުރާނެ ކަމަށާއި، ކާރުގެ އަގު އެތައް ހާސް ޑޮލަރުން އިތުރުވެގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!