21 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ ހޯދުމުގެ މަސައްކަތް އަންނަނީ އަޙްމަދު ޝާހީން، ރ. މާކުރަތު / ތިންތަރި އެވެ.
އަޙްމަދު ޝާހީންގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ނޮވެމްބަރު 6 ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުންޏެވެ.
އަޙްމަދު ޝާހީންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9393351 އަށް ގުޅުއްވައި ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
އެ ޒުވާނާ ގެއްލުނު ވަކިތަނެއް ފުލުހުން ނުބުނިނަމަވެސް، މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައިވާ ގޮތަށް ބަލާއިރު އެ ޒުވާނާގެ އެންމެ ފަހުން ޚަބަރެއް ވެފައި ވަނީ ހުޅުމާލޭގެ ފޭސް ދެއަކުން ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!