މޮރިޝަސްގެ ސަރުކާރުން ހޮނިހިރު ދުވަހު ސޯޝަލް މީޑިއާ މަނާކުރުމަށް ނިންމި ނިންމުން އަނބުރާ ބަދަލުކޮށްފިއެވެ. މި ނިންމުމަކީ އެގައުމުގެ އާންމު އިންތިޚާބާ ހަމައަށް ސޯޝަލް މީޑިއާ މަނާކުރުމަށް ނިންމާފައިވާ ނިންމުމެކެވެ. މި ނިންމުން ނިންމާފައިވަނީ ފޯނު ކޯލްތަކެއް ލީކްވުމާ ގުޅިގެންނެވެ.
ސޯޝަލް މީޑިއާ މަނާކުރުމުގެ ނިންމުން ދެމިއޮތީ 24 ގަޑިއިރުއެވެ. މި މުއްދަތުގައި އެ ޤައުމުގެ ރައްޔިތުންނަށް ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް އަދި އެކްސް (ކުރީގެ ޓްވިޓަރ) ބޭނުން ނުކުރެވުނެވެ. މި މަނާކުރުން ދެމިއޮންނާނެކަމަށް ބެލެވުނީ ނޮވެމްބަރު 11 ވަނަ ދުވަހާ ހަމައަށެވެ. އެއީ އާންމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ފަހު ދުވަހެވެ.
މޮރިޝަސްއިން ސޯޝަލް މީޑިއާ މަނާކުރުމަށް ނިންމީ ސިޔާސީ ފަރާތްތަކާއި، ނޫސްވެރިންނާއި، މަދަނީ މުޖުތަމަޢުގެ މެންބަރުންނާއި އަދި ބޭރުގެ ޑިޕްލޮމެޓުންގެ ސިއްރު ފޯނު ރެކޯޑިންތަކެއް އޮންލައިންކޮށް ލީކުވާން ފެށުމާ ގުޅިގެންނެވެ. މި ރެކޯޑިންތައް ލީކުވާން ފެށީ ފާއިތުވި މަހުއެވެ.
އެ ގައުމުގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖުގްނޯތުގެ އޮފީހުން ބުނެފައިވަނީ މި ލީކުތަކުގެ ސަބަބުން "ޤައުމީ ސަލާމަތަށާއި އެގައުމުގެ ޖުމްހޫރިއްޔާގެ އަދި ބައިނަލްއަޤްވާމީ ބައިވެރިންގެ އިންޓެގްރިޓީއަށް ނުރައްކާވެދާނެ" ކަމަށެވެ.
ނަމަވެސް ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް އޮތޯރިޓީން ބުނެފައިވަނީ "ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރުމަށްފަހު" މަނާކުރުން އުވާލާފައިވާ ކަމަށެވެ.
މި މަނާކުރުމާ ގުޅިގެން އިދިކޮޅު ޕާޓީތަކާއި ލޯކަލް މީޑިއާ ގްރޫޕްތަކުން ވަނީ އަޑު އުފުލާފައެވެ. މި ފަރާތްތައް ބޮޑަށް ބަރޯސާވަނީ އިޖުތިމާޢީ މީޑިއާއަށެވެ.
ލީކުކުރެވުނު ރެކޯޑިންތައް ސޯޝަލް މީޑިއާއަށް ދޫކޮށްފައިވަނީ "މިސިއޭ މުސްތާސް" (މިސްޓަރ މުސްތާޝް) ނަމަކަށް ކިޔާ އެކައުންޓަކުންނެވެ. މައިގަނޑު ގޮތެއްގައި މި ރެކޯޑިންތައް ދޫކޮށްފައިވަނީ ޓިކްޓޮކްގައެވެ. މި އެކައުންޓް ބްލޮކްކުރުމަށް މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް އެހެން ޕްލެޓްފޯމްތަކުގައިވެސް އެ އެކައުންޓް އުފައްދައި ކޮންމެ ދުވަހަކުހެން ރެކޯޑިންތައް ދޫކުރަމުން ގެންގޮސްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!