ސްޕެއިންގެ ކެޓަލޯނިއާ ސަރަޙައްދަށް ކުރިމަތިވި ގަދަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ 217 މީހުން މަރުވެފައިވާއިރު، އަދިވެސް އިތުރު ނުރައްކާތަކާ ކުރިމަތިވުމުގެ ފުރުޞަތު ބޮޑުަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެގޮތުން މި ހާދިސާގައި މަރުވި މީހުން އިތުުރުވުމުގެ ފުރުޞަތު އޮތްއިރު، އިތުރު ސަރަޙައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ބިރުވެރިކަން އުފެދިފައިވާ ކަމަށް އެ ޤައުމުގެ އިސް ފަރާތްތަކުން މަޢުލޫމާތު ދީފައިވެއެވެ.

Ad
rt

މި ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ސްޕެއިންގެ އިރުމަތީ ސަރަޙައްދު ކަމުގައިވާ ވެލެންސިއާ ސަރަޙައްދަށެވެ. އަދި މަރުވެފައިވާ މީހުންގެ ތެރެއިން ގިނަ މީހުން ފެނިފައިވަނީ މި ސަރަޙައްދުންނެވެ. މީގެ އިތުރުން، އަދިވެސް ގިނަ އަދަދެއްގެ މީހުން ގެއްލިފައިވާ ކަމަށް ބެލެވޭތީ، އިތުރު މަރުތަކެއް ފެނިދާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް ވަނީ ބުނެފައެވެ.

ވެލެންސިއާ ސަރަޙައްދުގައި ކުރިމަތިވެފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް އައިސްފައިވާ ކަމަށް ސްޕެއިންގެ ޤައުމީ މޫސުމާބެހޭ އިދާރާ (އޭއީއެމްއީޓީ) އިން ވަނީ އިޢުލާންކޮށްފައެވެ. ނަމަވެސް، ކެޓަލޯނިއާ ސަރަޙައްދުގައި ގަދަ ވިއްސާރަ ކުރަމުންދާތީ، އެ ސަރަޙައްދުގެ ރައްޔިތުންނަށް ވަނީ ފޯނު މެދުވެރިކޮށް އިންޒާރު ދީފައެވެ.

މި ވިއްސާރައިގެ ސަބަބުން ބާސެލޯނާގެ އެލް ޕްރަޓް ވައިގެ ބަނދަރުގެ 50 ދަތުރު ކެންސަލްވެ ނުވަތަ ލަސްވެފައިވާ ކަމަށާއި، 17 ދަތުރު އެހެން ތަންތަނަށް ބަދަލުކުރެވިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން، ބާސެލޯނާގެ ބައެއް މެޓްރޯ ސްޓޭޝަންތައް ބަންދުކުރެވި، ސަރަޙައްދީ ރޭލް ދަތުރުތައް ހުއްޓާލެވިފައިވާ ކަމަށް ވެސް ވަނީ މަޢުލޫމާތު ދީފައެވެ.

މި ވިއްސާރައާ ގުޅިގެން ސްޕެއިންގެ ރަސްގެފާނު ފެލިޕޭ 6 ވަނަ އާއި ރާނީ ލެޓީޒިއާ އަދި ބޮޑުވަޒީރު ޕެޑްރޯ ސަންޗެޒް އަށް ރައްޔިތުން ފާޑުކިޔާ، އެބޭފުޅުންގެ ރަސްމީ ގެކޮޅުތަކަށް ކިސަޑު އުކާފައިވާ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ސިވިލް ގާޑުން ވަނީ ތަޙުޤީޤެއް ފަށާފައެވެ.