ރާއްޖޭގެ ރައްޔިތަކު ކޮންމެ ޤައުމެއްގައި ހުއްޓަސް އެ ރައްޔިތަކަށް ދިވެހި ދައުލަތުގެ އެހީތެރިކަން ލިބޭގޮތަށް ސިޔާސަތު ބައްޓަންކުރައްވާނެ ކަމުގައި ރައީސް މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމުގެ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ މިރޭ ކުރެއްވި ބައްދަލުކޮށްލެއްވުމުގައެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ ފުރިހަމަ އެހީތެރިކަން ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ލިބޭނެގޮތަކަށް، މިހާރަށްވުރެ ފުރިހަމަކުރަން މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވާ ވިދާޅުވުން ވަނީ ތަކުރާރު ކުރަށްވާފައެވެ.

މިގޮތުން ރާއްޖޭގެ ރައްޔިތަކު ކޮންމެ ޤައުމެއްގައި ހުއްޓަސް އެ ރައްޔިތަކަށް ދިވެހި ދައުލަތުގެ އެހީތެރިކަން ލިބޭގޮތަށް ސިޔާސަތު ބައްޓަންކުރައްވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްގެ ދެކަނބަލުން ވަނީ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާއެކު ވަގުތުހޭދަކުރައްވައި، އެފަރާތްތަކުގެ އެކިއެކި ބޭނުންތަކާއި އިހުސާސުތައް އަޑުއައްސަވާފައެވެ.

ރާއްޖެ-އިންޑިއާ ގުޅުން ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

ރައީސް މިއަދު ފެއްޓެވި މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރަށްވާނެއެވެ. މިއަދު ފުރަތަމަ ބައްދަލުކުރަށްވާފައި ވަނީ އެ ޤައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑޮކްޓަރ ސުބްރަމާނިއަމް ޖައިޝަންކަރް އާއި އެވެ.

ރައީސްގެ މި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރުން، މުމްބާއީއަށާއި ބެންގަލޫރަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅު ނިންމަވާލަން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.