ދިވެހިރާއްޖެ އާއި އަވަށްޓެރި އިންޑިއާ އާއި ގުޅުން ހަރުދަނާ ކުރުމަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފިކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އިންޑިއާއަށް މިއަދު ފެއްޓެވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު ވަނީ އެ ޤައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑޮކްޓަރ ސުބްރަމާނިއަމް ޖައިޝަންކަރް އާއި މިއަދު ބައްދަލުކުރަށްވާފައެވެ.
މި ބައްދަލުކުރެއްވުމާއިގުޅޭގޮތުން ރައީސް އޮފީހުން ބުނީ، މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިކަމަށެވެ.
މީގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު މިހާރު ހިންގަމުންދާ މަޝްރޫޢުތަކުގައި ކުރިއެރުން ލިބިފައިވާ މިންވަރާއި، ކުރިއަށް އޮތްތަނުގައި ދެ ޤައުމަށް ފައިދާކުރަނިވި ގޮތަށް އުފެއްދިދާނެ ފުރުޞަތުތަކާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
މި ބައްދަލުވުމުގައި މި ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ދިނުމާއި، ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމާއި އަދި މުޅި ޤައުމުގައި މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކުރުން ފަދަ ކަންކަން ހިމެނޭކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.
''ދުނިޔޭގެ ބަދަލުވަމުންދާ ކަންކަމުގެ ތެރެއިން ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ދެ ޤައުމުގެ ދެމެދުގައްޔާއި ސަރަޙައްދީ ފެންވަރުގައި ގާތް ގުޅުން ބޭއްވުމުގެ މުހިންމުކަމާމެދުވެސް، ރައީސުލްޖުމްހޫރިއްޔާ އާއި އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ މަޝްވަރާކުރެއްވި'' ރައީސް އޮފީހުން ބުނެފަވެއެވެ.
ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސްގެ މި ދަތުރުފުޅު ނިންމަވާލަން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!