ކުޅުދުއްފުށި ސިޓިގައި ކުރީ ސަރުކާރުން އިމާރާތްކުރަންފެށި އައު އިންޖީނުގެއަށް 45 މިލިއަން ރުފިޔާ ޚަރަދުވެއްޖެކަމަށާއި މިހާތަނަށް ނިމުނީ ހަތަރު ފާރުކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދުގެ ސުވާލަކަށް ޖަވާބުދެއްވަމުން، މިނިސްޓަރު ތޯރިގު ވިދާޅުވީ އެ ސިޓީއަށް ކުރެއްވި ދަތުރެއްގައި އިންޖީނުގޭގެ މަސައްކަތް ބައްލަވާލެއްވި ކަމަށާއި ކުޅުދުއްފުށި ސިޓީގައި ކުރީގެ ސަރުކާރުން އިމާރާތްކުރަން ފެށި އިންޖީނުގޭގެ ހަތަރު ފާރު ރޭނުމަށް މިހާތަނަށް 45 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަަމށެވެ.

Ad
rt

މިނިސްޓަރުގެ ވާހަކަފުޅުގައި، މި މަޝްރޫޢު ފުރަތަމަ 15 މިލިއަން ރުފިޔާއަށް ކޮންޓްރެކްޓަރަކާ ހަވާލުކުރެވުނު ނަމަވެސް، މަސައްކަތް ކުރިއަށް ނުދިއުމާ ގުޅިގެން ފެނަކައިން 30 މިލިއަން ރުފިޔާއަށް އަލުން މަސައްކަތް ފެށި ކަމަށް ފާހަގަކުރެއްވިއެވެ. މިހާރު މަސައްކަތް ނިމިފައިވާ ހިސާބަކީ ހަތަރު ފާރާއި މަތީގައި ޓްރަސްތައް ހަރުކުރުން ކަމަށާއި، މި ހިސާބަށް އައިއިރު ޚަރަދު 45 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އަމިއްލަ ފަރާތްތަކުގެ ފައިސާއިންނާއި ދަރަނި ނަގައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިންޖީނުގެ ނިންމުމަށް އަދިވެސް ދެގުނަ މަސައްކަތް ކުރަންޖެހޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ ސުވާލަކަށް ޖަވާބުދެއްވަމުން، ކެންދޫގެ އިންޖީނުގޭގެ އަގަކީ އަށް މިލިއަން ރުފިޔާ ކަމަށާއި، މަޝްރޫޢަށް އައި ބަދަލުތަކާއެކު މިހާރު އޭގެ އަގު 10 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުޅުދުއްފުށި ސިޓީގައި އަޅާ ޒަމާނީ ފެންވަރުގެ އިންޖީނުގެ އެޅުމަށް 15 މިލިއަންވުރެއް ގިނަ ރުފިޔާއަށް 2020 ވަނަ އަހަރު ހަވާލުކޮށްފައިވަނީ އުނި އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް އާއި އެވެ.