ރައްޔިތުން ބޭނުންވަނީ ތަރައްގީ ކަމަށާއި، ސިޔާސީގޮތުން ވަކި ބޭފުޅަކު ވަށައިގެން އެނބުރެން ރައްޔިތުން ބޭނުން ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބުދުއްރަހީމް މިހެން ވިދާޅުވީ، އެ ޕާޓީގެ ގެ ޖަގަހަ (ޕީއެންސީ ހައުސް) ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ރޭގެ ޖަލްސާގައި އަބުދުއްރަހީމް ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މާ ކުރިން ބައިއަތު ހިފައިގެން ޓިކެޓު ދިން ކަމަށް ޔާމީނާއި ސަޕޯޓަރުން ދައްކަވާ ވާހަކަތަކަކީ ތެދެއް ކަމަށާއި، އެ ނިންމުމަކީ ރައްޔިތުންގެ ހައްގުގައި ނިންމެވި ނިންމެވުމެއް ކަމަށެވެ.

އެ ރޭވުން ރާވަން ޖެހުނީ ޔާމީންގެ ގޮތް އެނގިވަޑައިގަންނަވާތީ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒު ވާދަކުރަށްވާނަމަ ޕީޕީއެމުން ވާދަކުރައްވަން ޔާމީން ފުރުސަތު ނުދެއްވާނެކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

އަބުދުއްރަހީމްގެ ވާހަކާއި ފާހަގަކުރެއްވި ގޮތުގައި ރައީސް މުއިއްޒުއަކީ މީގެކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި އަޅާބަލާއިރު ވަރަށް ތަފާތު ބޭފުޅެކެވެ. އެގޮތުން ސިޔާސީގޮތުން ބޮޑު ކަމެއް ދިމާވުމުން އެމަނިކުފާނު އަބަދުވެސް ޕާޓީގެ ލީޑަރޝިޕްއާއެކު މަޝްވަަރާކުރައްވާކަމަށާއި، އަދި އެއީ ސަރުކާރަށް ލިބޭ ކާމިޔާބީގެ ސިއްރުކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ބޭފުޅުން ވެސް މިއަދު އެންމެ ރަނގަޅުވާނީ ރައްޔިތުންގެ ނިންމުތަކަށް އިހްތިރާމްކުރުން ކަމަށެވެ. އަދި ސިޔާސީ ގޮތުން ސަރުކާރަށް ޖެއްސުން ކުރުމުގެ މަސައްކަތް ހުއްޓާލުން ރަނގަޅުވާނެ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުން ބޭނުންވަނީ ސިޔާސީގޮތުން ވަކި ބޭފުޅަކު ވަށައިގެން އެނބުރެން ނޫންކަމަށާއި، ރައްޔިތުން ބޭނުންވަނީ ތަރައްޤީ ހާސިލުކުރުމަށްކަމަށް ވެސް އަބްދުއްރަހީމް ވަނީ ރޭ ވިދާޅުވެފައެވެ.