ހައްޖުގެ މަތިވެރި އަޅުކަމަށް ސައޫދީއަރަބިއްޔާ އަށް މިއަހަރު ދިޔަ ދިވެހި ހައްޖާޖީން އަންނަ ފުރަތަމަ ފްލައިޓް ސައޫދީން ފުރައިފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ، ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް މިއަދު ރާއްޖެ އަންނާނެ ކަމަށާއި، އެ ފްލައިޓް ރާއްޖެ ގަޑިން މިއަދު ހެނދުނު 7:55 ގައި ސައޫދީން ފުރާފައިވާ ކަމަށެވެ.
1445 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށް 1150 ދިވެހިން ގޮސްފައިވާއިރު، މިއަދުގެ ފްލައިޓްގައި އޭގެތެރެއިން 296 ހައްޖާޖީން ރާއްޖެ އަންނާނެއެވެ.
ހައްޖުވެރިން ސައޫދީ އަށް ގޮސްފައި ވަނީ ހަތަރު ދުވަހެއްގެ މަތިން ހަތަރު ފްލައިޓެއްގައިކަމަށްވާއިރު، ހައްޖު ވެރިން އެނބުރި އަންނާނީ ވެސް ހަތަރު ދުވަހެއްގައި ހަތަރު ފްލައިޓެއްގައެވެ.
މިގޮތުން މިއަދު އަންނަ ފްލައިޓްގެ އިތުރުން ދެން ފްލައިޓްތައް އޮންނާނީ މި ޖޫން މަހުގެ 28، 1 ޖުލައި އަދި 4 ޖުލައި ގައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ، ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ޙައްޖުވެރިން ބަލާ އެއާޕޯޓަށްދާ ގާތްތިމާގެ މީހުންނާއި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކޮށްދިނުމަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ފަހުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ އިލްތިމާސްކޮށްފައެވެ.
މިއަހަރު ހައްޖަށް ދިޔަ ދިވެހި ހައްޖާޖީން ތެރެއިން އެކަކު ވަނީ ނިޔާވެފައެވެ. އަދި އެކަކަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފައިވާގޮތުގައި ޖުމްލަގޮތެއްގައި ދިވެހި ހައްޖާޖީންގެ ހާލު ރަނގަޅެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!