މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެން މިއަހަރު މިހާތަނަށް ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ އަދަދު 21 އަށް އަރައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެންް މި އަހަރުގެ މިހާތަނަށް 21 މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވާކަމަށެވެ.

Ad
rt

މި މައްސަލަތަކުގައި ހިމެނޭ 6 ފަންކާ، 2 ފޯނު އަދި ފެންމޯޓަރެއް ހޯދައި ވަނީ ހަވާލުކޮށްފައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެން މިއަހަރު މިހާތަނަށް 21 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުން މިއަދު ބުނީ، މާލޭގެ ޢީދު މިސްކިތުން މި މަހު އެކަނި ވެސް 10 ފަންކާ ވަގަށް ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފައި ވަނިކޮށެވެ.

އީދު މިސްކިތުން ރޭ ވެސް ވައްކަންކޮށްފައިވާއިރު، ސިޓީ ކައުންސިލުން ވަނީ އެ މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައެވެ.

މާލޭގެ މިސްކިތްތަކުން ފަންކާއާއި، ފެން މޯޓަރާއި، ލައިޓް އަދި މިސްކިތައްދާ މީހުންގެ ބޫޓާއި ފައިވާންފަދަ ތަކެތި ވަގަށް ނެގުން ވަނީ އާންމު ވެފައެވެ.