ކުޅުދުއްފުށީ ސިޓީގައި އައިސްޕްލާންޓެއް ގާއިމުކޮށްދިނުމާއި، އެ ސަރަހައްދުގައި ސްޕޯޓްސް ކަނދުފައްޗެއް އެޅުން އަވަސްކޮށްދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި އެދިއްޖެއެވެ.
މިގޮތަށް އެދިފައި ވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަު މުޙައްމަދު އާތިފް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމްއާ އިއްޔެ ކުރެއްވި ބައްދަލުކުރެއްވުމުގައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނިގޮތުގައި، އިއްޔެ ހެނދުނު އެ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި މޭޔަރު އާތިފް އާއި ވަޒީރު ވަނީ މަސްވެރިކަމުގެ ދާއިރާއިން ކުޅުދުއްފުށި ސިޓީއަށް ބޭނުންވާ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
އެ ބައްދަލުކުރެއްވުމުގައި މޭޔަރު އާތިފް ވަނީ ކުޅުދުއްފުށީގެ ޒުވާނުން މަސްވެރިކަމަށް ޝައުގުވެރިވާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މަސްވެރި ދާއިރާގައި ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެދިލައްވާފަވެއެވެ.
އެގޮތުން ސްޕޯޓްސް ކަނދުފައްޗެއް އެޅުން އަވަސް ކުރުމާއި އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިލައްވާފައިވާއިރު، އެ އައިސް ޕްލާންޓް ނިމުމުން މިފްކޯއާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން އެ ޕްލާންޓު ހިންގުމަށް މޭޔަރު ހުށަހެޅުއްވިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.
އައިސް ޕްލާންޓާއި ގުޅިގެން ވަޒީރު ޝިޔާމް ވިދާޅުވީ މިހާރު ސަރުކާރުން އިއުލާން ކޮށްގެން ނިންމަން މަސައްކަތް ކުރަމުންދާ 11 އައިސް ޕްލާންޓުގެ ތެރޭގައި ކުޅުދުއްފުށި ސިޓީގެ އައިސް ޕްލާންޓް ހިމެނޭކަމަށެވެ. އެ އައިސް ޕްލާންޓްތައް މިހާރު ވަނީ މިފްކޯއާ ހަވާލުކުރެވި ޓެންޑަރިން މަރުހަލާގައި ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކުޅުދުއްފުށި ސިޓީގެ ޒުވާނުންނަށް ބޭނުންވާ ވަދު ކަނދުފަތި ވަރަށް އަވަހަށް އަޅައިދެއްވާނެކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މިޔަރުގެ މަސްރިކަމާ ގުޅޭ ގޮތުންވެސް މޭޔަރު އާތިފް ވަޒީރާއި މަޝްވަރާކުރަށްވާފައިވާއިރު، މިޔަރުގެ މަސްވެރިކަމުގެ މައްސަލައާ ގުޅިގެން ވަޒީރު ވިދާޅުވީ މިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމަށް ދިރާސާއެއް ކުރަމުން އަންނަ ކަމަށާއި ގިނަ ފަރާތްތަކާއެކު މަޝްވަރާކޮށް އެ މައްސަލައަށް ހައްލު ހޯދޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ.
މި ބައްދަލުވުމުގައި މަސްވެރި ދާއިރާގައި ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މޭޔަރު އެދިލައްވާފައިވާތީ، އެކަމާއި ގުޅިގެން ވަޒީރު ވަނީ ޒުވާނުން ބާރުވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަރަށް ހާއްސަ އިސްކަމެއް ދެއްވަވާ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މަސްވެރިކަމުގެ ދާއިރާއިންވެސް ޒުވާނުންނަށް ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!