ރައީސް ޑރ. މުހައްމަދު މުޢިއްޒު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށާއި، އެ ޤައުމުގެ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރަށްވާ ރަސްމީ ދަތުރުފުޅެކެވެ.
އިންޑިއާގެ އިންދްރާ ގާންދީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ރައީސް ވަޑައިގެންނެވުމުން އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ސެކްރެޓަރީ ޕަވަން ކަޕޫރާއި އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބާއި އަދި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.
އިންޑިއާގެ ބޮޑުވަޒީރު އާ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވެވުމަށް ހަމަޖެހިފައި ވަނީ މިއަދުއެވެ.
މި ރަސްމިއްޔާތުގައި އިންޑިއާގެ އަވަށްޓެރި ޤައުމުތަކުގެ އިތުރުން އެހެން ބައެއް ޤައުމުތަކުގެ ލީޑަރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު އިންޑިއާ އަށް މިކުރަށްވާ ރަސްމީ ދަތުރުފުޅުގައި އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!