ސަރުކާރުގެ ސްކޫލްތަކުން ބެލެނިވެރިންނާ މުއާމަލާތް ކުރުމަށް ވަކިވަކި ކްލާސްތަކަށް ރަސްމީ ވައިބާ ގުރޫޕް ނުހަދަން އަންގައި، ވައިބަރ ގްރޫޕްތައް ހެދިދާނެގޮތުގެ އިރުޝާދުދީ ސްކޫލްތަކަށް ތަޢުލީމާބެހޭ ވުޒާރާއިން ސާކިއުލާއެއް ފޮނުވައިފިއެވެ.

ސްކޫލްތަކުގައި މުދައްރިސުން ބެލެނިވެރިންނާ ކަންކަން ހިއްސާކުރުމަށް ކޮންމެ ކްލާހަކަށް ރަސްމީ ވައިބާ ގްރޫޕްތައް ހަދާފަ ހުރެއެވެ. މި ގްރޫޕްތަކަކީ މިދިޔަ އަހަރުން ފެށިގެން ގިނަ ސްކޫލްތަކުގައި އާންމުގޮތެއްގައި ހަމައެކަނި އެޑްމިން އަށް މެސެޖު ލެވޭގޮތަށް ހަދާފައި ހުންނަ ގްރޫޕްތަކެކެވެ. ނަމަވެސް ބައެއް ސްކޫލްތަކުގައި ހަދާފައި ހުންނަ މިފަދަ ގްރޫޕްތަކަށް ބެލެނިވެރިންނަށް ވެސް މެސެޖުކުރެވެއެވެ. މިފަދަ ގްރޫޕްތަކުގައި ދަރިވަރުންގެ ފިލާވަޅުތަކަށް ބޭނުންވާ ތަކެއްޗާއި، އެގްޒާމްތަކަށް ތައްޔާރުވުމުގެ އިރުޝާދުތަކާއި، އިތުރު ގަޑިތަކަށް ފޮނުވުމުގެ މައުލޫމާތާއި އަދި މީގެ އިތުރުން އިތުރު ހަރަކާތްތަކާއި ގުޅޭކަންކަން މުދައްރިސުންގެ ފަރާތުން ބެލެނިވެރިންނާ ހިއްސާކޮށްފައި ހުރެއެވެ.

Ad
rt

ތައުލީމާބެހޭ ވުޒާރާއިން އިއްޔެ ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ ދަރިވަރުންނަކީ އަމިއްލައަށް އުނގެނުމަށް ޒިންމާވާ ބަޔަކަށް ހެދުމަށްޓަކައި ސްކޫލްތަކުން ކުރާ މަސައްކަތް އިތުރުކޮށް ހަރުދަނާ އުސޫލުތަކެއް ޤާއިމުކުރަންޖެހޭ ކަމަށެވެ.

މިގޮތުން ސްކޫލްތަކުން ބެލެނިވެރިންނާ މުއާމަލާތު ކުރުމަށް ބޭނުން ކުރާ ވައިބާ ގްރޫޕްތައް ފަދަ މަންސަތަކަކީ އެއް ފަރާތުން މުއާމަލާތް ކުރެވޭ ކޮމިއުނިޓީ ގްރޫޕްތަކަކަށް ހެދުމަށް ވަނީ އަންގައިފަ އެވެ. އަދި މި ކޮމިއުނިޓީ ގްރޫޕްތައް ސްކޫލްގެ ޑިޖިޓަލް ނޯޓިސް ބޯޑުގެ ގޮތުގައި ވެސް ބޭނުން ކުރެވިދާނެ ކަމަށް އެ ސާކިއުލާގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ރަސްމީ މުއާމަލާތު ކުރުމަށް އިތުރު ގްރޫޕެއް ހަދާ ނަމަ، އެފަދަ ގްރޫޕްތަކަކީ ވަކިވަކި ކީ ސްޓޭޖްތަކަށް ނުވަތަ ގްރޭޑްތަކަށް ހާއްސަ ގްރޫޕްތަކަކަށް ހެދިދާނެ ކަމަށް ސާކިއުލާގައިވެ އެވެ.

''މިއާއިއެކު މުދަރިއްސުންނާއި ބެލެނިވެރިން މުއާމަލާތްކުރެއްވުމަށް ވަކިވަކި ކްލާސްތަކަށް ރަސްމީ ގްރޫޕްތައް ބޭނުން ނުކުރުމަށް ދަންނަވަމެވެ.'' އެ ސާކިއުލާގައި ބުނެފަވެއެވެ.

ސްކޫލުން ބެލެނިވެރިންނާ މުއާމަލާތް ކުރުމަށް ބޭނުން ކުރާ ކޮމިނިއުޓީ ގްރޫޕް މެދުވެރިކޮށް މެސެޖް ފޮނުވާ އެންމެ ލަސް ގަޑިއަކީ ސްކޫލްގެ ކިޔަވައި ދިނުމުގެ ދަންފަޅި ނިމޭތާ ދެ ގަޑިއިރަށް ވުރެ ލަސް ގަޑިއަކަށް ނުހަދަން ވެސް ސާކިއުލާގައި އަންގާފައިވެ އެވެ.

ދަރިވަރުންނާ ހަވާލު ކުރެވޭ މަސައްކަތްތައް ބެލެނިވެރިޔާއަށް އެންގުމަށް ގްރޫޕްތައް ބޭނުން ކުރުމުގެ ބަދަލުގައި ދަރިވަރުންގެ އަމިއްލަ އުނގެނުމަށް ޒިންމާވާން ދަސްވާނެ ފަދަ އާދަތައް އަށަގެންނެވުމަށް މަސައްކަތް ކުރުމަށް ވެސް ސާކިއުލާގައި ތައުލީމާބެހޭ ވުޒާރާއިން ވަނީ ސްކޫލްތަކަށް އަންގައިފަ އެވެ.