"އެހީތެރިކަމަކަށް އެދިގެން އަންނަ ހަމަ ކޮންމެ މީހަކަށް އެންމެ ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ގުދުރަތީގޮތުން ލިބިފައިވާ ވަރަށް ހާއްސަ ސިފައެކޭ ބުނެވިދާނެ، އެހެން މީހުންގެ މުހުތާދުތައް ފުއްދައި ދިނުމަށް އެހީވުމަކީ ވަރަށް ބޮޑު އުފަލެއް އަމިއްލަ ނަފްސަށް ވެސް ލިބިގެންދާ ކަމެއް"
މަންދު ކޮލްޖުން ބެޗްލާސް އޮފް ބިޒްނަސް، ފުރިހަމަކޮށް ގްރެޖުއޭޓްވި ހދ.ކުޅުދުއްފުށީ ތޯމާ އަލީ/ އާދިއްލީގެ، އަށް، މިދިޔަ މެއި މަހު ބޭއްވި އެ ކޮލެޖުގެ ގްރެޖުއޭޝަން ޖަލްސާގައި އެންމެ ބޮޑު ހައިރާންކަމެއް ލިބިގެންދިޔައީ ކޯހުން ގްރެޖުއޭޓްވުމުގެ އިތުރުން ކިޔެވުމުގެ ދުވަސްވަރުގައި، ކޮލެޖާއި ކޮލެޖްގެ ދަރިވަރުންގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީ، ކޮލެޖުގެ އަސާސީއަގުތައް ނެގެހެއްޓުމުގައި މިންނެއް މަސައްކަތްތަކެއް ކޮށްފައިވާތީ، އެކަން ފާހަގަކޮށް ކޮލެޖްގެ އައުޓްސްޓޭންޑިން ސާވިސް އެވޯޑްގެ މެޑަލް ލިބިގެން ދިޔުމުންނެވެ.
އައުޓްސްޓޭންޑިން ސާވިސް އެވޯޑާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ތޯމާ ބުނީ އެ އެވޯޑަކީ ދޭއެއްޗެއްކަން ވެސް ކުރިން ނޭނގޭ ކަމަށާއި، އެހެން ކުދިންނަށާއި ކޮލެޖައް އެހީތެރިކަން ފޯރުކޮށްދެމުން އައީ އެއްވެސް އެވޯޑެއް ހޯދަން ނޫން ކަމަށެވެ. ނަމަވެސް އެކަމުގެ އަގުވަޒަންކޮށް އެވޯޑެއް ލިބުމަކީ ހާއްސަ އުފަލެއްކަމަށެވެ.
ތޯމާ،
ތޯމާ އިތުރަށް ބުނީ ބެޗްލާސްގައި ދިމާވި ކޮންމެ ބެޗެއްގައި ވެސް އެންމެ ދޮށީކޮށް ހުރީ އޭނާ ކަމަށާއި، ދެން މުޅިންހެން ކޯހުގައި ތިބީ ބާވީސް ތޭވީސް އަހަރުގެ ކުދިންކަމަށެވެ. ވުމާއިއެކު ކޮންމެ މޮޑިއުލެއް ވެސް ކިޔަވަމުން އަންނައިރު ކްލާސް ނޫން ގަޑިތަކުގައި ލެކްޗަރާއިންގެ ފަރާތުންނާއި ކޮލެޖްގެ ފަރާތުން ހޯދަންޖެހޭ މައުލޫމާތު ހޯދުމުގައި ގިނަ ކުދިން ޖެހިލުންވާ ކަމަށެވެ. ވުމާއިއެކު އެ ޓާސްކް ވަރަށް ބޮޑަށް އަދާކުރަން ޖެހުނުކަމަށާއި، މިފަދަ ސަބަބުތަކާއި ހުރެ ބައެއް ކުދިން އޭނާ ސިފަކުރަނީ ކުލާހުގެ މަންމަ ގޮތުގައި ކަމަށެވެ.
ތޯމާ، މަންދު ކޮލެޖުގެ ޗެއާމަންގެ އަނބިކަނބަލުންނާއެކު
ތޯމާއަކީ ހާއްސަ އެހީއަށް ބޭނުންވާ ދަރިއަކު ބަލަމުން އަންނަ ހީވާގި މަންމައެކެވެ. ވަޒީފާ އަދާކުރަމުން ގޭތެރޭ ކަންކަން ބަލަހައްޓަމުން ކިޔަވަން އެކަށީގެންވާ ވަގުތު ނުލިބުމަކީ އެންމެ ބޮޑު ގޮންޖެހުން ގޮތުގައި އޭނާ ފާހަގަ ކުރެއެވެ. ކޮންމެ ރެޔަކުހެން ތިން ގަޑިއިރު ކުލާހުގައި ހޭދަކޮށް، އެސައިމެންޓްތައް ކަނޑައަޅާފައިވާ މުއްދަތަށް ނިންމަން އެކަށީގެންވާވަރާއި ގާތަށް ވެސް ވަގުތުނުލިބި މަސައްކަތްކޮށް ކާމިޔާބާއި ހިސާބަށް ވާސިލްވުމުން ފެނިގެންދަނީ މިންނެތް މަސައްކަތާއި ހިތްވަރެވެ.
ތޯމާ ފާހަގަކުރާ ގޮތުގައި އޭނާއަށް އަބަދުވެސް އުނގެނި ދަސްކުރުމަށް އެންމެ ބޮޑު ހިތްވަރެއް ދޭ ފަރާތަކީ މަންމައާއި ދައްތައެވެ. އާއިލާއެވެ. މާސްޓާސް ނިންމުމަށް އަޒުމް ކަނޑައަޅާފައިވާއިރު މިހާހިސާބަށް އާދެވުމުގައި ހަނިމާދޫ ސިއްހީ މަރުކަޒުގެ މެނޭޖްމެންޓާއި ސްޓާފުންނާއި އެކުގައި ކިޔެވި އަދި ކިޔަވަމުންދާ ދަރިވަރުންގެ އެހީތެރިކަމާއި އެއްބާރުލުން އޭނާ ފާހަގަ ކުރެއެވެ. އަދި އެހީތެރިވެދޭ އެންމެހާ ފަރާތްތަކަށް އޮތީ ޝުކުރެވެ.

ތޯމާ ވަޒީފާގެ މާހައުލަށް ނުކުތީ 2005 ވަނަ އަހަރުއެވެ. އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި ސެކްރެޓަރީއެއްގެ ވަޒީފާގައި ތިން އަހަރު ހޭދަކުރިއެވެ. އެއަށްފަހު ހަނިމާދޫ ސިއްހީ މަރުކަޒުގައި ވަޒީފާ އަދާކުރި 16 އަހަރު ދުވަސްތެރޭ އޭނާ ވަނީ އެތަނުގެ އެޑްމިނިސްޓރޭޓިވް އޮފިސަރެއްގެ މަގާމުގެ އިތުރުން ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމު އަދާކޮށްފައެވެ. އޭނާ ވަނީ ދާދި ފަހުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އެޗްއާރު ހިއުމަން ރިސޯސް އޮފިސަރެއްގެ މަގާމަށް ބަދަލުވެފައެވެ.
މިހާރު މާސްޓާސްއަށް ކިޔަވަމުން އަންނަ ތޯމާ ފާހަގަ ކުރާގޮތުގައި އުނގެނުމަކަށް ވަކި އުމުރެއް ނެތެވެ. މުޖުތަމައުއަށާއި މީހާއަށް ވެސް ބޭނުންވާ ކުރިއެރުމާއި ހެޔޮ ބަދަލު އަންނާނީ އުނގެނި ދަސްކޮށްގެންނެވެ. އެނގޭ މީހުންނާއި ނޭނގޭ މީހުންގެ ދެމެދުގައި ބޮޑު ތަފާތެއް ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!