ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމް ބޮޑުކޮށް، "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2024" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް މި އަހަރު ވަނީ 75000 (ހަތްދިހަފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައެވެ. އަދި ރަނަރަޕް ޓީމަށް 20000 (ވިހިހާސް) ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
މި އަހަރުގެ އޮގަސްޓް މަހުގެ ދެވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް ނުވަތަ ޔޫތު މިނިސްޓްރީގެ ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ކްލަބު ޖަމިއްޔާތަކަށެވެ.
މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައި ވަނީ އެންމެ ފުރަތަމަ، މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާ 8 ފަރާތަށެވެ. ޓީމްތައް ބައިވެރިވާ އަދަދަށް ބަލައި އެހެން ރަށްރަށުގެ ޓީމްތަކަށް މުބާރާތުން ފުރުސަތު ދިނުމަކީ އެކަށީގެންވާ ކަމެއްކަމުގައި އެ ކައުންސިލުން މިފަހަރު އާންމު ކޮށްފައިވާ މުބާރާތުގެ ގަވައިދުގައި ބުނެފައިވެއެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ސިޓީ ކައުންސިލުން އެކަމަށް ތައްޔާރުކޮށް، އެ ކައުންސިލްގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުމަށް އެ ކައުންސިލުން އެދިލައްވައެވެ.
މި މުބާރާތުގައި ޓީމް ރަޖިސްޓަރީ ކުރުމަށް އެއްވެސް ފީއެސް ދައްކާކަށް ނުޖެހެއެވެ. މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ފުޓްބޯޅަ ދަނޑުގައެވެ.
މި މުބާރާތް ކުޅުމަށް ނިންމާފައި ވަނީ ކަޕް ފޯމެޓަށެވެ. މުބާރާތުގައި ފަސް ޓީމަށްވުރެ އިތުރަށް ބައިވެރިވެއްޖެނަމަ މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ބައިވެރިވާ ޓީމްތައް ދެ ގްރޫޕަށް ބަހާލައިގެންނެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގެ ޒުވާނުންގެ އިތުރުން ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމާއި، ޒުވާނުންގެ ފުޓްބޯޅަ ހުނަރު އިތުރު ކުރުމާއި، ގައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅޭ ޒުވާނުން އެ ސިޓީގައި އުފެއްދުމުގެ އިތުރުން އެ ސިޓީއަކީ ގައުމީ ކުޅިވަރު ކަމުގައިވާ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށަކަށް ހެދުން ހިމެނެއެވެ. މީގެއިތުރުން އެ ސިޓީގައި ފުޓްބޯޅަ އައު ހަރުފަތަކަށް ގެންދިޔުމާއި، ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މިއީ މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ. މި މުބާރާތް ފުރަތަމަ ބާއްވާފައި ވަނީ ކުޅުދުއްފުށީގެ ކްލަބް ޖަމިއްޔާތަކަށް އަމާޒު ކޮށްގެން 2022 ވަނަ އަހަރުއެވެ. އެ އަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 (ފަންސާސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނެވެ. 2023 ވަނަ އަހަރު މި މުބާރާތުގެ ދެވަނަ އެޑިޝަން ބާއްވާފައިވާއިރު، އެ މުބާރާތުގައި އަތޮޅު ތެރޭގެ ބައެއް ރަށްރަށުގެ ކުލަބް ޖަމިއްޔާތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ދީފައެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 60000 (ފަސްދޮޅަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނެވެ. މި އަހަރުގެ މުބާރާތުގައި މިވަނީ ފާއިތުވި ދެ އަހަރަށް ވުރެ ޗެމްޕިއަން ޓީމަށްދޭ ފައިސާ އިތުރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!