ކީރިތި ޤުރްއާނުގައި ކަނޑައަޅުއްވައި ފަރުޟު ކުރައްވާފައިވާ ޒަކާތަކި މުދަލު ޒަކާތްކަމަށާއި އަދި އިސްލާމްދީނުގެ ރުކުނެއް ކަމުގައި ކަނޑައަޅުއްވާފައިވާ ޒަކާތަކީވެސް މުދަލު ޒަކާތްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުކުރު ހުތުބާގައި ބުނީ ބައެއް މީހުންނަށް ހީވެފައި އޮންނަނީ ޒަކާތަކީ ހަމައެކަނި ފިޠުރު ޒަކާތް ކަމުގައި ކަމަށާއި އެހެންކަމުން މަދު މީހަކު މެނުވީ ފިޠުރު ޒަކާތް ދެއްކި ނަމަވެސް ވަރަށް ގިނަބަޔަކު މުދަލު ޒަކާތް ނުދައްކާކަން ފާހަގަކުރެވޭ ކަމަށެވެ. ޙަޤީޤަތުގައި މިއީ ވަރަށްބޮޑު އޮޅުމެއް ނުވަތަ ކުށްހީއެއް ކަމަށާއި ކީރިތި ޤުރްއާނުގައި ކަނޑައަޅުއްވައި ފަރުޟު ކުރައްވާފައިވާ ޒަކާތަކި މުދަލު ޒަކާތް ކަމަށް ހުތުބާގައި ބުންޏެވެ. އަދި އިސްލާމްދީނުގެ ރުކުނެއް ކަމުގައި ކަނޑައަޅުއްވާފައިވާ ޒަކާތަކީވެސް މުދަލު ޒަކާތް ކަމަށް ބުނެފައިވެ އެވެ.

Ad
rt

"ފިޠުރު ޒަކާތަކީ ވެސް ވާޖިބެކެވެ. އެހެނަސް އެއީ އިސްލާމްދީނުގެ ރުކުނެއް ނޫނެވެ. އެހެންކަމުން ޒަކާތުގެ ނިޞާބުހަމަވާ މިންވަރަށް ތިމާގެ އަތުގައި ފައިސާ ނުވަތަ މުދާ ހުރެފައި، އެއަށް ހަނދުމަހުން އެއްއަހަރު ހަމަވުމުން ޒަކާތް ނެރުން ވާޖިބުވާނެ އެވެ. އޭގެ މިންވަރަކީ ފައިސާގެ ނުވަތަ މުދަލުގެ ސާޅީސް ބައިކުޅަ އެއްބަޔެވެ،"

ހުކުރު ހުތުބާގައި ބުނެފައިވެ އެވެ.

ތަނަވަސްކަމުގެ އަހުލުވެރިން، އެބައިމީހުންގެ މުދަލުން ޒަކާތް އަދާކުރާނަމަ އިސްލާމީ މުޖްތަމަޢުގެ ވަރަށް ގިނަ އިޖްތިމާޢީ މައްސަލަތައް ޙައްލުވާނޭކަމަށާއި ޙަސަދަވެރިކަމާއި، ރުޅިވެރިކަން އެބައިމީހުންގެ މެދުން ފިލާނެކަމަށް ބުނެފައިވެއެވެ.

"އެބައިމީހުންގެ މެދުގައި ފަޤީރުކަންނެތި، މުޖްތަމަޢުގެ އެންމެހައި ފަރުދުން ފުދުންތެރި ބަޔަކަށް ވާނެއެވެ. ފަޤީރުންނާއި މިސްކީނުންނާއި ޔަތީމުންނާއި އަތްމަތި ދަތިމީހުންނާއި، މިހުރިހާ އެންމެން ދެއަތް އުފުލައި، އެބައިމީހުންގެ ބޭނުންތައް ފުއްދައިދިނުމުގައި މެދުވެރިވި މީހުންނަށް ހެޔޮ ދުޢާކޮށް، އެބައިމީހުންގެ މުދަލުގައި ބަރަކާތް ލެއްވުން އެދި الله ގެ ޙަޟްރަތުގައި ދުޢާ ދަންނަވާނެތެވެ."

ހުކުރު ހުތުބާގައި ބުނެފައިވެ އެވެ.

މުދަލަކީ، އެއްވެސް ޙާލެއްގައި އެއިން ހޭދަނުކޮށް ރައްކާކޮށްފައި ބަހައްޓަންވީ އެއްޗެއްނޫންކަމަށާއި މުދާވެރިކަމާއި، ތަނަވަސްކަން ލިބިފައިވާ މީހުން ޒަކާތް ދެއްކުމާއެކު، الله ގެ މަގުގައި ހޭދަކުރަން ޖެހޭނެކަމަށާއި ފަޤީރުންނާއި، ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭން ޖެހޭނެކަމަށް ބުނެފައިވެއެވެ.

މާތް الله ގެ މަގުގައި ހޭދަކުރުމާއި، މުޖުތަމަޢަށް ފައިދާހުރި ކަންތަކުގައި މާލީގޮތުން ބައިވެރިވުމާއި، ބޭނުންޖެހިފައިވާ މީހުންގެ ބޭނުންތައް ފުއްދައި ދިނުމާއި، މިފަދަކަންކަމީ ކުރަންޖެހޭ ކަންކަންކަން ފާހަކުރަމުން މުސްލިމުންގެ މުދަލުން ޒަކާތަށް ކަނޑައެޅިފައިވާ މިންވަރު ނެރުމަކީ އިސްލާމްދީނުގެ ރުކުނެއް ކަމުގައި ވީހިނދު، ޒަކާތް ވާޖިބުވެއްޖެ ކޮންމެ މީހަކުމެ، ތިމާގެ މުދަލުން ޒަކާތް ދައްކަން ޖެހޭނެކަމަށް ބުނެފައިވެއެވެ.

ޒަކާތް ދެއްކުމަށް އިންކާރުކޮށް، ޒަކާތް ދެއްކުމަށް ދެކޮޅު ހެދި މީހުންނާ ބެހޭގޮތުން މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު ވިދާޅުވެފައިވެއެވެ.

"الله ގަންދެއްވައި ވިދާޅުވަމެވެ. ނަމާދާއި، ޒަކާތް ތަފާތުކޮށްފި މީހަކާ ތިމަންކަލޭގެފާނު ހަނގުރާމަ ކުރައްވާހުށީމެވެ. ފަހެ ހަމަކަށަވަރުން ޒަކާތަކީ މުދަލުން އަދާކުރަންޖެހޭ ޙައްޤެކެވެ."

މުދަލުޒަކާތް ދެއްކުމުގައި ފަރުވާކުޑަނުކޮށް ދީނީ މި ވާޖިބު އޭގެ ފުރިހަމަގޮތުގައި އަދާކުރުމަށް އެންމެހައި މުސްލިމުންނަށް ގޮވާލައި ނަސޭހަތްތެރިވެފައިވާއިރު ޒަކާތްދިނުމާއި ޞަދަޤާތް ދިނުމުގެ ދުންޔަވީ މަންފާތަކުގެ ތެރޭގައި ތިމާގެމުދާ ޠާހިރުވުމާއި ބަލިތަކަށް ޝިފާލިބުން ލައްވާފައި ވާކަމަށް ބުނެފައިވެއެވެ.