ހުޅުމާލެއާއި މާލެ އާއި ދެމެދު އަޅާފައިވާ ހައިވޭ މަތީގައި ހެލްމެޓް ނާޅާ، ސައިކަލުގައި ދަތުރުކުރި ދެ މީހަކު ޖުރިމަނާކޮށް ނަސޭހަތް ދީފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ސިނަމާލެ ބްރިޖް ގައި ހެލްމެޓް ނާޅައި ސައިކަލު ދުއްވި މީހާއާއި އެސައިކަލުގެ ފަހަތުގައި އިން މީހާއާއި މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައި ދެ މީހުން ވެސް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވެފައިވާކަމަށްވެސް ވިދާޅުވިއެވެ.
"ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް، ގާނޫނާއި ޤަވާއިދާ ހިލާފު އެފަދަ ކަންކަން ނުކުރުމަށް މި ޚިދުމަތުން އިލްތިމާސްކުރަން"
ފުލުހުންގެ ޚިދުމަތުން ވިދާޅުވި އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ދެ މީހުން މިހާރު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
"މަގުމަތީގެ ރައްކާތެރިކަމަށް ކޮންމެ ފަރުދަކުވެސް އެއްބާރުލުން ދެއްވުމަކީ މަގުގެ އަމާންކަމަށް ކޮށްދެވޭ އަގުހުރި ހިދުމަތަކަށް ވާނެ،"
ޝިފާން ވިދާޅުވެފައިވެ އެވެ.
ސިނަމާލެ ބްރިޖާއި ހައިވޭގައި ދަތުރު ކުރާއިރު ހެލްމެޓް އެޅުމަކީ މަޖުބޫރު ކަމެކެވެ.
ބްރިޖުން ދަތުުރުކުރާ އިރު ހެލްމެޓް އެޅުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ 2019 ވަނަ އަހަރުން ފެށިގެން މަޖުބޫރުކޮށްފަ އެވެ. ބްރިޖް މަތިން ދުއްވާ އިރު ބޭނުން ކުރަން ޖެހެނީ މިނިސްޓްރީން ކަނޑައަޅާފައިވާ ވައްތަރުގެ ހެލްމެޓް އެކަންޏެވެ. އެހެން ބާވަތުގެ ހެލްމެޓް އަޅާ ނަމަ ޖޫރިމަނާ ކުރެ އެވެ.
ހެލްމެޓް އެޅުމުގެ ގަވައިދާ ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރަށް ޖޫރިމަނާ ކުރާނީ 500 ރުފިޔާ އިން ނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި 3 ވަނަ ފަހަރުން ފެށިގެން ގަވައިދާ ހިލާފުވާ ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!