ހއ. އިހަވަންދޫ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް އެރަށުގެ ތަރައްޤީގެ މަސައްކަތްތަކަށް އިސްކަން ދެއްވައި، ރަށުގެ ރައްޔިތުންގެ އުއްމީދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް އިއްޔެ ފެއްޓެވި ދަތުރުފުގައި ހަތަރު ވަނަ މަންޒިލެއް ގޮތުގައި އިއްޔެ އިހަވަންދޫ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވިވާހަކަފުޅުގައި ވަނީ އެރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ގިނަގުނަ ކަންތައްތައް ހުރިކަން ފާހަގަކުރައްވައި، ރިޔާސީ ކެމްޕެއިން ތެރޭގައި އެމަނިކުފާނު އެރަށަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އެކަންކަން ދެންނެވިކަން ފާހަގަކުރައްވާފައެވެ.
''އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ކަންކަމުގައި، ވަރަށް އިސްކަންދޭނަމޭ. އަޅުގަނޑުވީ ވަޢުދުތައް ފުއްދުމުގައި، ސަރުކާރުގެ ތެރެއިން ކަންކަން ބައްޓަންކޮށް، ތިޔަބޭފުޅުންގެ އުންމީދުތައް އިރާދަކުރެއްވިއްޔާ ޙަޤީޤަތަކަށް ހަދައިދޭނެ ވާހަކަ ހަމަ ޔަޤީންކޮށްދެން.'' ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ކަންކަން
- ވަޢުދުވީ ގޮތަށް ފައިބަރު މަސައްކަތް އެހެން ތަނަކަށް ބަދަލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެކަން
- ކުނީގެ މައްސަލަ ވެމްކޯއާއި ގުޅިގެން ހައްލު ކުރެވޭނެ އިންތިޒާމު ކައުންސިލަށް ހަމަޖައްސައިދިނުން
- ހޮސްޕިޓަލްގެ މަސައްކަތް މިއަހަރުގެ ތެރޭގައި އަމަލީގޮތުން ފައްޓަވައިދެއްވާނެކަން
- އައިސްޕްލާންޓްގެ މައްސަލަ ހައްލުކޮށްދެއްވުން
- މަހުގެ ފެކްޓްރީގެ މަސައްކަތް ފުލް ސްކޭލްގައި މި އަހަރު ފެށުން
- ޑައިލިސިސް ޚިދުމަތް އެރަށުން ލިބޭގޮތް ހައްދަވައިދެއްވުން
- މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކޮށްދިނުން
- ފަސް އަހަރު ތެރޭ ރަށުގެ ބޮޑެތި ހުރިހާ މަގެއްގައި ތާރު އަޅައި ނިންމައިދިނުން
- ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވުން
''ބިން ހިއްކުމުގައިވެސް އަޅުގަނޑުމެން ބަލާނަން ހަމަ އެންމެ ބޮޑުކޮށް އެ މަސައްކަތް ކުރެވޭނީ ކިހިނެއްތޯ. އޯވަރރޯލްކޮށް، ޖުމްލަ ގޮތެއްގައި ހަމަ މި ވާހަކަތައް މި ފާހަގަކޮށްލީ. ޖުމްލަކޮށް ދަންނަވަން އޮތް ވާހަކައަކީވެސް، ފަށަމުންވެސް ހަމަ ދެންނެވި ގޮތަށް، އަޅުގަނޑު ވެފައި ހުރި ވަޢުދެއްވިއްޔާ ފުއްދުމުގައި ވަރަށް ސަމާލުކަން ދޭނަމޭ'' އިހަވަންދޫ ރައްޔިތުންނާ މުޚާތަބު ކުރައްވަމުން ރައީސް ވިދާޅުވެފަވެއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އެކަންކަން ހާސިލްކުރުމަށް އެރަށުގެ ރައްޔިތުންނަށް ދެވެން އޮތް އެއްބާރުލުމެއް ވީ އެންމެ ފުރިހަމައަކަށް ދެއްވަން ވެސް އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!