ހދ. ގައި ދެން ވެރިކަންކުރާ ރަށަކަށް ކަނޑައަޅަން އެންމެ ކަމުދާ ރަށަކީ، އެ އަތޮޅުގެ ރައްޔިތުން ނިންމާ ރަށެއްކަމަށް އެމަނިކުފާނަށް މާބޮޑަށްވެސް ޤަބޫލު ކުރެއްވޭ ކަމަށް މަކުނުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ރާއީ އެހެން ވިދާޅުވެފައި ވަނީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ. ރާއީ އެއިޝާރާތަކުރައްވާ ގޮތަށް އަތޮޅުގެ ހުރިހާ ރައްޔިތުންގެ މެދުގައި ގޮތެއް ނިންމޭނީ، އެގޮތަށް ޤާނޫނީ ފުރުޞަތު އޮތް ނަމައެވެ.
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައިވާ އިސްލާޙު ކޮށްފައިވާ ގޮތުން 51 ވަނަ މާއްދާ ގެ (ޅ) ގައި ބުނަނީ އިދާރީ ދާއިރާއެއްގެ ވެރިކަން ކުރާ ރަށް މި ޤާނޫނު ގެ ދަށުން ސިޓީއެއްގެ ގޮތުގައި ކަނޑައެޅުނު ނަމަވެސް، އެ އިދާރީ ދާއިރާއެއް ހިންގާނީ އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލުންނެވެ. އަދި އަތޮޅު ކައުންސިލުން ބަލަހައްޓަމުން ގެންދިޔަ ތަންތަނާއި، ދެމުން ގެންދިޔަ ޚިދުމަތްތައްވެސް ކުރިއަށް ގެންދާނީ އަތޮޅު ކައުންސިލުންނެވެ.
އަދި ލާމަރުކަޒީ ޤާނޫން އިސްލާހު ކުރެވިގެން ދިޔައިރު އަތޮޅު ކައުންސިލް އެކުލެވިގެން ވާގޮތައްވެސް ވަނީ އިސްލާހު ކުރެވިފައެވެ. އެގޮތުން އެޤާނޫނުގެ 11 މާއްދާގެ ނ. ގައިބުނެފައިވަނީ
އެ އިދާރީ ދާއިރާއެއްގައި ސިޓީއެއް ހިމެނޭނަމަ އެ ސިޓީއެއްގެ މޭޔަރު ގެމައްޗަށެވެ.
މާނައަކީ ކުޅުދުއްފުށި ސިޓީގެ މޭޔަރު އިންނަވާނީ ހދ. އަތޮޅު ކައުންސިލް ރައީސް ރިޔާސަތުގެ ދަށުން ހިންގަވާ އަތޮޅު ކައުންސިލްއެއްގަ ކަމެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތައް ފާސްކުރުމަށް ރާއީ ވަނީ ވޯޓު ދެއްވާފައެވެ.
ރައީސް ޞާލިޙް މިއަދުވަނީ ހދ. ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައެވެ. އެޔާއެކު އިލެކްޝަން ކޮމިޝަނުންވަނީ ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އިންތިހާބު ކުރުމުގެ މަސައްކަތް ކުރަން ފަށައިފިކަމަށް ހާމަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!