ހދ. ނެއްލައިދޫ ގައި ގާއިމުކުރާ އިންޑޯ ޖިމްގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބުދުﷲ ރާފިޢު ވިދާޅުވެފައިވާކަމަށް ނެއްލައިދޫ ކައުންސިލުން ބުނެފިއެވެ.
އެކައުންސިލުން މިހެން ބުނީ 2024 ވަނަ އަހަރަށް ބަޖެޓުކުރެވިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކައުންސިލްގެ ފަރާތުން ސަރުކާރުގެ މުއައްސަސާތަކާއި ބައްދަލުކުރުމަށް މިހާރު މާލެއަށް ކުރަމުންދާ ދަތުރުގެ ތެރެއިން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބުދުﷲ ރާފިޢުއާއި ބައްދަލުކުރުމަށްފަހު އެވެ.
މި ބައްދަލުވުމަށްފަހު އެ ކައުންސިލުން ބުނީ ވަޒީރާއެކު ބޭއްވުމުނު ބައްދަލުވުމުގައި ނެއްލައިދޫގެ ކުޅިވަރާ ގުޅިފައިވާ ގިނަ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. މިގޮތުން ފެށޭ މާރިޗް މަސްތެރޭ އެރަށު ރަސްމީ ބޯޅަދަނޑުގެ ލައިޓް ޖެހުމުގެ މަސައްކަތް އިޢުލާންކުރެވޭނެކަމަށް ވަޒީރު ވިދާޅުވިކަމަށް ނެއްލައިދޫ ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން އެރަށު ބޯޅަ ދަނޑުގެ ރޮސްޓްރަމްގެ ޑިޒައިން ފައިނަލްކުރެވުނުހާ އަވަހަކަށް އެމަސައްކަތް ވެސް ބަޔަކާއި ހަވާލުކުރެވިގެންދާނެކަމަށާއި، އަދި އެރަށުގައި އަޅަން ނިންމާފައިވާ އިންޑޯ ޖިމްގެ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށް ވަޒީރު ވިދާޅުވިކަމަށް ނެއްލައިދޫ ކައުންސިލުން ބުނެފަވެއެވެ.
މިދަތުރުގައި ނެއްލައިދޫ ކައުންސިލުން ވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމް އާއި ވެސް މިހާރު ބައްދަލުކޮށްފައެވެ. މި ބައްދަލުވުމާގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ، މި ބައްދަލުކުރެއްވުމުގައި ނެއްލައިދޫގައި ފުޅާ ދާއިރާއެއްގައި ކުރެވެމުންދާ ލަނޑާގެ މަސްވެރިކަމުގައި ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން މިނިސްޓަރާއި ހިއްސާކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ނެއްލައިދޫ ސަރަޙައްދުގައި ވަދު ކަނދުފައްޗެއް ޤާއިމު ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ވެސް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!