ތިލަދުންމަތީ އުތުރުބުރީ ދިއްދޫއިން ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރަން ނިންމައި ބިޑް ހިށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިއްދޫގައި ވިޔަފާރި ކުރުމަށް 2500 (ދެހާސް ފަސްސަތޭކަ) އަކަފޫޓުގެ ހަތަރު ބިމެއް 15 އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް އެ ރަށު ކައުންސިލުން ވަނީ ނިންމާފައެވެ. އެ ބިންތަކަކީ އެ ރަށު އުތުރުފަރާތުގައި ހިއްކާފައިވާ ސަރަހައްދުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކާއި އިންވެގެން އޮތް ވައިލެޓް 18، 19، 20، 21 ބިމެވެ.
މިކަމަށް އެދި ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ބިޑްގައި ރަޖިސްޓަރީ ވާން ޖެހެއެވެ. ބިޑްގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް ރަސްމީ ކޮންމެ ދުވަހަކު ވެސް ދިއްދޫ ކައުންސިލުން ދޫކުރާނެއެވެ. އީމެއިލް ކޮށްގެންނާއި އެ އިދާރާއަށް ދުރުވެގެން ވެސް ފޯމް ހުށަހެޅޭނެއެވެ.
މި ބިންތަކަށް ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން މި މަހު 31 ވަނަ ދުވަހުގެ 13:00 ގައި ބޭއްވުމަށް ނިންމާފައި ވަނީ ވައިލްޓް 11 ގައެވެ.
ހުށަހަޅާ ބީލަންތަކުގައި ބިމުގެ ކުލީގެ ގޮތުގައި ހިމެނޭނެ އެންމެ ކުޑަ އަގެއް ގޮތުގައި ބީލަން ފޮތުގައި ކަނޑައަޅާފައި ވަނީ އަކަފޫޓަކަށް ހަތަރު ރުފިޔާއެވެ.
އެ ކައުންސިލުން ބުނީ ބީލަން ހުށަހަޅާ ފޮތް މިހާރު ދިއްދޫ ކައުންސިލުން ގަންނަން ލިބެން ހުންނާނެ ކަމަށާއި، ބީލަން ހުށަހަޅާ ފޮތެއްގެ އަގަކީ 25.00 ރުފިޔާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!