މާލެ ބޮޑުތަކުރުފާނު މަގު ފަތާ ޓްރެކް ކައިރީގައި ހުންނަ ސްޓެލްކޯގެ ޕަމްޕު ސްޓޭޝަން ނަގައި އެހެން ތަނަކަށް ބަދަލުކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

Ad
rt

އެ ޕަމްޕު ސްޓޭޝަނަކީ މާލޭގެ އިންޖީނުގެތަކަށް ބޭނުންވާ ތެޔޮ އަޅާ ޕަމްޕު ސްޓޭޝަނެވެ. އެ ޕަމްޕް ސްޓޭޝަންގެ ސަބަބުން މަގުން ދަތުރުކުރާ އުޅަނދުތަކަށް ދަތިވާތީ ޕަމްޕު ސްޓޭޝަން އެތަނުން ނަގައި ބޮޑުތަކުރުފާނު މަގު އެއްކޮށް ބޭނުންކުރެވޭ ގޮތަށް ހެދުމަށް ވަނީ ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ފަހުމީ ވިދާޅުވީ އެ ޕަމްޕް ސްޓޭޝަން ބޮޑުތަކުރުފާނު މަގުން ނަގައި އަލުން ބަހައްޓާނީ އެދިމާލުން މޫދު ހިއްކައިގެން ކަމަށެވެ. އަދި އީއައިއޭ ރިޕޯޓު އެޕްރޫވްވާތާ 60 ދުވަސްތެރޭގައި އެ މަަސައްކަތް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވި ގޮތުގައި ޕަމްޕް ސްޓޭޝަން ނެގުމުގެ މަސައްކަތަށް
7.1 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

އެމްޓީސީސީގެ ސީއީއޯ، ޒިޔާދު ވިދާޅުވި ގޮތުގައި ޕަމްޕު ސްޓޭޝަން ބަދަލުކުރުމަށް މޫދުން 968 އަކަ ފޫޓުގެ ސަރަހައްދެއް ހިއްކާނެއެވެ.

ސްޓެލްކޯ އިން އަންނަނީ މާލޭގެ މަގުތައް ބޭނުންކުރުމުގައި ދަތިވާ ގޮތަށް ހުރި އެކުންފުނީގެ ސްޓޭޝަންތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާވެޔޮ މިސްކިތް ކައިރީ މަގަށްވާ ގޮތަށް ހުރި ޓްރާންސްފޯމަރު ވެސް އެކުންފުނިން ވަނީ މިހާރު އެތަނުން ނަގައިފައެވެ.