މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެނެސް 11 ޖެނުއަރީ 2024 އިން ފެށިގެން މުދަލު ޒަކާތުގެ ނިޞާބަކީ 7،140ރ. ކަމަށް ކަނޑައަޅައިފިއެވެ.
މުދަލު ޒަކާތުގެ ނިޞާބު ކަނޑައަޅައި، ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން އިއްޔެ އެކަން ޢާންމުކުރި ލިޔުމުގައި ކީރީތިޤުރުއާނުން ދަލީލުދައްކައި، އެދަލީލަށް ރިޢާޔަތްކޮށް ބުނެފައި ވަނީ މުދަލު ޒަކާތުގެ ނިޞާބު ކަނޑައެޅުމަށް އެ އިދާރާއިން ޢަމަލުކުރާ އުސޫލުގެ ދަށުން 11 ޖެނުއަރީ 2024 އިން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތުގެ ނިޞާބު ނެރުން ވާޖިބުވާ ނިޞާބަކީ 7،140 ރުފިޔާކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
މި ނިސްބަތަށް އެންމެފަހުން ބަދަލުގެނެސްފައި ވަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިދިޔަ 2023 ވަނަ އަހަރުގެ އޯގަސްޓު މަހުއެވެ.
އެފަހަރު އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރަކީ 7151.90 ރުފިޔާ އެވެ.
މުދަލު ޒަކާތަކީ އިސްލާމް ދީނުގެ ރުކުނެކެވެ. އެހެންކަމުން އެމީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާވަރަށް ފައިސާހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ 1 އަހަރުވުމުން، ޝަރުއީ ހަމަތަކާއި އެއްގޮތައް އޭގެ 40 ބައިކުޅަ އެއްބައި (2.5 ޕަސެންޓު)މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބުވެ އެވެ.
ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ.
ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް (އެމްއެމްއޭ) އިންނެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ ފަދަ ގައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!