ތައުލީމީ ކަލަންޑަރަށް ގެނެވުނު ބަދަލާއެކު އެންމެ ބޮޑު ފައިދާއެއް ލިބޭ ދަރިވަރުންގެ ތެރޭގައި ގްރޭޑް 8 ގައި ކިޔަވާ ދަރިވަރުން ހިމެނޭނެކަމަށް ތައުލީމާބެހޭ ވުޒާރާގެ ވަޒީރު، ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިހާރު ގްރޭޑް 8 ގައި ކިޔަވަމުން އަންނަ ދަރިވަރުން އަންނަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިކުރަން ތައުލީމާބެހޭ ވުޒާރާއިން އިއްޔެ ނިންމާފައިވާއިރު، ވަޒީރު އިއްޔެ ވަނީ މީސްމީޑިއާަގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިއަހަރު ގްރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރުންގެ އޯލެވެލް އިމްތިހާނާއި ބެހޭގޮތުން އޮޅުންއަރާގޮތަށް ބައެއް ނޫސްތަކުގައި ޝާއިޢުކޮށްފައިވާ ޚަބަރުތަކާއި އިޖުތިމާއީ މީޑިއާގެ މަންސަތަކުގައި ދައުރުވަމުންދާ ޕޯސްޓްތަކާއި ގުޅިގެން އެކަން ސާފުކޮށްދެއްވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ.

Ad
rt

މިގޮތުން ވަޒީރު ވަނީ ފުރަތަމަ ތިން ނުކުތާއެއް ފާހަގަ ކުރައްވާފައެވެ. އެ ނުކުތާތަކަކީ،

- ގްރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރުން މިހާރު ކިޔަވަމުންދާ 2 ވަނަ ޓާމް ނިމެންދެން (އޭޕްރީލް މަހުގެ ނިޔަލަށް) ތިބޭނީ ގްރޭޑް 8 ގައިކަން،
- މިދަރިވަރުން ގްރޭޑް 9 ގައި ތިބޭނީ 2024 މެއި މަހުން ފެށިގެން 2025ގެ ފެބްރުއަރީ އަށްކަން،
- މިދަރިވަރުންގެ ގްރޭޑް 10 ، މާޗް 2025 ގައި ފެށޭނެކަމަށާއި، އަދި އޯލެވެލް ހަދާނީ ނޮވެމްބަރ 2025 ގައިކަން.

''ތައުލީމީ ކަލަންޑަރަށް ގެނެވުނު ބަދަލުން އެންމެ ބޮޑު ފައިދާއެއް ލިބޭ ދަރިވަރުންގެ ތެރޭގައި މިހާރު ގްރޭޑް 8ގައި ކިޔަވަމުންދާ ދަރިވަރުން ހިމެނޭނެއެވެ. މިބަދަލާއެކު ދަރިވަރުންގެ އުމުރުން ގެއްލިފައިވާ 6 މަސްދުވަސް އަނބުރާ ލިބޭނެއެވެ. އަދި، ސިލަބަސް ކަވަރުކުރެވި ރިވައިސް ކުރުމަށްވެސް ވަގުތު ލިބޭނެއެވެ.'' ވަޒީރު ލިޔުއްވާފައެވެ.

ވަޒީރު ޑރ. އިސްމާއީލް ޝަފީޢު މިހެން ވިދާޅުވެފައިވާއިރު، މިހާރު ގްރޭޑް 8 ގައި ކިޔަވަމުން އަންނަ ދަރިވަރުން އަންނަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިކުރަން ތައުލީމާބެހޭ ވުޒާރާއިން އިއްޔެ ނިންމުމުން، މިހާރު ގްރޭޑް 8 ގައި ކިޔަވަމުން އަންނަ ދަރިވަރުން އޯ ލެވެލް އިމްތިހާނު ހަދާ ތާރީޚު އަވަސްކުރުމުން، އޭގެ ނޭދެވޭ އަސަރުތައް އެ ކުދިން މުޅި އުމުރުގައި ތަހައްމަލުކުރަން ޖެހިދާނެ ކަމަށް ކުރީގެ ތައުލީމާބެހޭ ވަޒީރު ޑރ. އައިޝަތު އަލީ ވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ.

"ގްރޭޑް ހަތެއް އަދި އަށެއެއްގެ ކިޔެވުމަކީ އެ ކުދިން ހުރިހާ ސްޓްރީމްތަކެއްގެ މާއްދާތަކަށް އަހުލުވެރި ކުރުވާ، ގްރޭޑް ނުވައެއްގައި ސްޓްރީމް ހިޔާރުކުރަން އެއީތެރިވެދޭ ކިޔެވުމެއް. އަދި އެކުދިންގެ މުސްތަގުބަލަށް މުހިންމު ކިޔެވުމެއް،" އޭނާ ވިދާޅުވެފަވެއެވެ.