ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ޢަމަލުކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ވިންދާ ޝުޢޫރާއި ދެކޮޅަށްކަމަށް ބުނެ، އިހަވަންދޫ ކައުންސިލުން ބަޔާނެއް ނެރެފިއެވެ.

އިހަވަންދޫ ކައުންސިލްގެ ހަ މެންބަރަކު ސޮއިކުރައްވާފައިވާ މި ބަޔާނުގައި ބުނެފައިވާ ގޮތުގައި އެމްޑީޕީގެ މަޖިލިސް މެންބަރުން ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް ޤާނޫނުއަސާސީގައި އޮންނަ އިޖުރާޢަތްތަކުގެ ބޭރުން ޢަމަލު ކުރައްވަމުންނެވެ.

Ad
rt

އެއީ ފިނޑި ނާތަހުޒީބު ކަމެއްކަމަށާއި، އެއީ މެންބަރުންގެ އިހްލާސްތެރިކަމާމެދު ސުވާލު އުފެދޭކަމެއް ކަމަށް ބުނެފަވެއެވެ. އަދި އެއީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުމަށް ގޮންޖައްސަވައި އެ މެންބަރުން ކުރައްވަމުން ގެންދަވާ ކަމެއްކަމަށް ބުނެފަވެއެވެ.

އެ ގޮތައް ޢަމަލު ނުރުމަށް މެންބަރުންނަށް ޢިލްތިމާސްކުރަމުން އެ ބަޔާނުގައި ބުނެފައި ވަނީ އެއީ ޤައުމުގެ މަސްލަހަތުގެއްލި، ހަލަބޮލިވެ ޤައުމުގެ މިނިވަންކަމަށާއި އަމާންކަމަށް އަސަރުކުރާނެ ލޭ އޮހޮރުވުމަކަށް މަގުފަހިވާނެ ކަމެއްކަމަށެވެ. އެހެންވެ މިކަން ހުއްޓައިލުމަށް އިލްތިމާސްކުރާކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ.

''އެމްޑީޕީގެ މެންބަރުންކުރެ އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާޢު ކުރައްވަމުންގެންދަވާ ޢަަމަލުތައް ހަރުކަށިއިބާރާތުން ކުށްވެރިކުރަމެވެ. އަދި މެންބަރު ޝިފާޢު ރައްޔިތުންގެ ވިންދާއި ޝުޢޫރާއި ދެކޮޅަށް އިސްވެ ހުންނަވައި ކުރައްވަމުން ގެންދަވާ ކަންތައްތައް ވަގުތުން ވަގުތައް ހުއްޓައިލުމަށް ހަރުއަޑުން ގޮވައިލައި އިލްތިމާސްކުރަމެވެ.'' އެ ބަޔާނުގައި ބުނެފަވެއެވެ.