ކްރޫޒްލައިނާތަކާގުޅޭގޮތުން ކުރީ ސަރުކާރުން ހެދި ގަވާއިދު އިސްލާހްކޮށް، އެކަމުގައި ދިމާވެފައިވާ ދަތިތަކަށް ވަރަށް އަވަހަށް ހައްލު ހޯދައިދެއްވާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ، މިދިޔަ ސަރުކާރުން ކްރޫޒްލައިނާތަކާ ގުޅިގެން ހެދި ގަވާއިދާއެކު ރާއްޖެ އަށް އައުމަށް ޕްލޭން ކޮށްފައިވާ ޕެސެންޖަރު ލައިނާތައް މިހާރު އެހެން ގައުމުތަކަށް ޑައިވާޓު ކުރަން ފަށާފައިވާ ކަމަަށް ބުނެ އެ ދާއިރާގެ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
ކްރޫޒްޝިޕްތަކުގެ ވަކިވަކި ފަސިންޖަރުން ހޭދަކުރާ ކޮޓަރިތަކުން ޖީއެސްޓީ ނެގޭ ގޮތަށް މިދިޔަ ސެޕްޓެމްބަރު މަހު ގަވައިދު ބަދަލުކުރުމުން ރާއްޖެ އަށް އެފަދަ ކްރޫޒްޝިޕްތައް އައުމުގެ ފުރުސަތު ހަނިވެފައިވާކަމަށް އެ ޖަމިއްޔާއިން ވަނީ ބައެއް މީޑިއާތަކަށް ބުނެފައެވެ.
މިކަންބޮޑުވުމާއެކު ފައިސަލް ‘’އެކްސް’’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރޫޒުލައިނާ ތަކާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ހަދާފައިވާ ގަވާޢިދު އިސްލާޙުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.
‘’އިރާދަ ކުރެއްވިއްޔާ ދާދި އަވަހަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެކަމުގެ ޔަގީންކަން އަރުވަން’’ ފައިސަލް ވިދާޅުވެފަވެއެވެ.
ކްރޫޒްލައިނާތައް އައުމަށް ދިމާވެފައިވާ ދަތިކަމާއިގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެ ދާއިރާގެ ޖަމިއްޔާ، މާޔާއިން ބުނެފައި ވަނީ ކްރޫޒްލައިނާތަކާގުޅޭ އައު ގަވާއިދުގެ ސަބަބުން ރާއްޖެއަށް 800 ފަތުރުވެރިންނާއެކު، އައުމަށް ހަމަޖެހިފައިވާ ކްރޫޒްލައިނާއެއް ވެސް ކެންސަލް ކޮށްފައިވާ ކަމަށެވެ. އަދި އެ ކަން އެހެންވީ، އެކަށީގެންވާ ވަރަށް ވުރެ ބޮޑު ޓެކްސްއެއް ދައްކަންޖެހޭ ގޮތަށް ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން ކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!