މި އަހަރުގެ ތިން ވަނަ ކުއާޓާގައި ފުލުހުންނަށް އެންމެ ގިނަ އިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ އިދާރާ އިން އިއްޔެ ހާމަކޮށްފިއެވެ.

ފުލުހުން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖުލައި އިން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް އެންމެ ގިނަ އިން ފުލުހުންނަށް ހުށަހެޅިފައިވަނީ ވައްކަމުގެ 1،012 މައްސަލައެވެ. ދެވަނަ އަށް އެންމެ ގިނަ އިން ހުށަހެޅިފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލައެވެ. އެއީ 606 މައްސަލައެވެ. ތިން ވަނަ އަށް އެންމެ ގިނަ އިން ހުށަހެޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލައެވެ. އެގޮތުން މަސްތުވާތަކެއްޗާ ގުޅުން ހުރި 412 މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވެއެވެ.

Ad
rt

މީގެއިތުރުން އަނިޔާ ކުރުމާއި ތަކެއްޗަށް ގެއްލުން ދިނުމާއި ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމާއި ފޭރުމާއި ގެވެށި އަނިޔާ ކުރުން ފަދަ މައްސަލަތައް ވެސް ފުލުހުންގެ އިދާރާ އަށް ހުށަހެޅިފައިވެއެވެ.

އޭގެތެރެއިން 2،854 މައްސަލައިގެ ތަހުގީގު ވަނީ ހިންގައިފައެވެ. އަދި 91 މައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވަނީ ފޮނުވައިފައެވެ. ޕީޖީ އަށް އެންމެ ގިނަ އިން ފޮނުވުނު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ މައްސަލައެވެ. އެގޮތުން މަސްތުވާތަކެތީގެ 146 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށްޓަކައި ޕީޖީ އޮފީހަށް ވަނީ ފޮނުވައިފައެވެ. ދެވަނަ އަށް އެންމެ ގިނަ އިން ޕީޖީ އަށް ފޮނުވުނީ ވައްކަމުގެ މައްސަލައެވެ. ވައްކަމުގެ 14 މައްސަލައެއްގެ ތަހުގީގު ނިންމައި ޕީޖީ އަށް ފޮނުވި އިރު، ތިން ވަނަ އަށް އެންމެ ގިނަ އިން ފޮނުވީ އަނިޔާ މައްސަލަތަކެވެ. އަނިޔާގެ 20 މައްސަލައެއްގެ ތަހުގީގު ނިންމައި ޕީޖީ އަށް ވަނީ ފޮނުވައިފައެވެ.

މަގުމަތީގެ އެކްސިޑެންޓުތަކުގެ ތަފްސީލްތަކަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް އެކްސިޑެންޓު ހިނގާފައި ވަނީ މާލެ ސިޓީގައެވެ. މާލެ ސިޓީގައި 582 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތައް ދައްކައެވެ. އޭގެ އިތުރުން ފުވައްމުލަކުގައި ހަތް އެކްސިޑެންޓު، އައްޑޫގައި ހަ އެކްސިޑެންޓު، ކުޅުދުއްފުށީގައި ފަސް އެކްސިޑެންޓު އަދި އެހެނިހެން އަތޮޅުތަކުގައި ހަ އެކްސިޑެންޓު ހިނގި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މި އެކްސިޑެންޓުތަކުގައި 47 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.