ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ޝުޖާއު އަށް، 2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ ބާރަށު ދާއިރާގެ ޕްރޮގްރެސިވް އިއްތިހާދުގެ ޓިކެޓް ކަށަވަރުވެއްޖެއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)ގެ ޓިކެޓް ސުޖާއަށް ކަށަވަރުވީ އެ އިއްތިހާދުން މަޖިލިސް ޕްރައިމަރީ އަށް ހުޅުވާލި ފުރުސަތުގައި ބާރަށު ދާއިރާގެ ޓިކެޓަށް އެދި ކުރިމަތިލީ އޭނާ އެކަނިކަމަށް ވުމުންނެވެ.

Ad
rt

ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ ޕީއެންސީގެ ނައިބު ރައީސެއްގެ މަގާމު ވެސް ފުރައްވަމުން ގެންދަވާ ސުޖާއު އަކީ އަބަދުވެސް ދާއިރާއާއި ގާތް ގުޅުމެއްބާއްވާ ބޭފުޅެއްކަމަށް އެދާއިރާގެ އޭނާގެ ސަޕޯޓަރުން ބުނެއެވެ.

ސުޖާއު ވަނީ 18 ވަނަ މަޖިލީހުގައި ބާރަށު ދާއިރާގެ މެންބަރުކަމުގެ ދައުރަށް ފަހު، މިދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް ބާރަށު ދާއިރާގެ ރަށްތަކަށް އެކި ފަހަރު މަތިން ޒިޔާރާތް ކުރައްވާފައެވެ.

މި ސަރުކާރު ހިންގާ އިއްތިހާދުގެ އިސް ބޭފުޅުން ތެރޭ ސުޖާއުގެ މަސައްކަތުން މި ސަރުކާރުގެ ސިޔާސީ ވަޒީފާތަކަށް އެއް ދާއިރާއަކުން އެންމެ ގިނަ މީހުންނަށް ފުރުސަތު ހޯދައިދީފައި ވަނީ ވެސް ބާރަށު ދާއިރާ އަށެވެ. މި ސަރުކާރުގައި ބާރަށަށް ނިސްބަތްވާ ވެސް ހަމައެކަނި ފަސް ނައިބު ވަޒީރުން އެބަތިއްބެވެ.

އަންނަ މަޖިލިސް އިންތިޚާބު އޮންނަ ފައިނަލް ތާރީޚެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަދި އާންމެެއް ނުކުރެއެވެ.