ސަރުކާރުގެ ޚަރަދުގައި މިއަހަރު 50 މީހަކު ޙައްޖަށް ފޮނުވުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް އޮތް 5 އަހަރުދުވަހުގެ ތެރޭގައި 1000 ފަޤީރުންނަށް ހިލޭ ދެވޭނެ ގޮތަށް ހަމަޖެއްސެވުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއްކަމަށެވެ،
އެހެންވެ، މި މަސައްކަތް ފެށްޓެވުމުގެ ގޮތުން މިއަހަރު ފުރަތަމަ 50 މީހުން ފޮނުވާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާނގައި އެކި އަހަރު އެކި އަދަދަށް މީހުން ހައްޖަށް ފޮނުވުމުގެ ކަންތައް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން މީހުން ހައްޖަށް ފޮނުވުމުގައި ޢަމަލުކުރައްވާނީ، ޤައުމުގެ ފަޤީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ކަނޑައެޅޭ އުސޫލެއްގެ މަތިންނެވެ.
މި އުސޫލު ސަރުކާރު ގެޒެޓްގައި އާންމުކުރެވޭނެ ކަމަށާއި، އުއްމީދަކީ އެކަމަކީ 5 އަހަރަށް އެކަނި ކުރާ ކަމެއްގެ ބަދަލުގައި ދާއިމީ ގޮތެއްގައި ކުރާ ކަމަކަށްވުން ކަމުގައި ވެސް ރައީސް ވިދާޅުވެފަވެއެވެ.
ސަރުކާރުގެ ޚަރަދުގައި މިއަހަރު 50 މީހަކު ޙައްޖަށް ފޮނުވުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރެއްވިއިރު، ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ކޯޓާ ދޭ ކުންފުނިތަކުން ހައްޖު ޖާގަ އަށް ބޮޑު އަގުގައި ފައިސާ ނަގާ މައްސަލަ ހައްލުކުރުމަށް ރާއްޖެއަށް ލިބޭ ހައްޖު ކޯޓާތައް އަމިއްލަ ކުންފުނިތަކަށް ދޫކުރުމުގެ ބަދަލުގައި، ޙައްޖު ކޯޕަރޭޝަންގެ ދަށަށް މުޅިން ބަދަލުކުރުމަށް ވިސްނަމުން ގެންދަވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރައިގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!