މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4،000 ފްލެޓު ލިބިފައިވާ މީހުންނަށް ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ހުއްޓާލައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަހައްދުން ފްލެޓު ދޫކުރުމަށްޓަކައި ސަރުކާރުން ހިންގާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށް ނުގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވާ ކަމަށެވެ.
އެހެންވެ، އޭސީސީން ވަކި ގޮތެއް އަންގަން ދެން ފްލެޓްތައް ހަވާލު ކުރުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އޭސީސީން އެގޮތަށް އެންގި އިރު، ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު ކަމަށް ބުނެ، ހައުސިން މިނިސްޓްރީން ވަނީ ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރެ، ފްލެޓުތައް ދޫކުރާ އަގުތައް ރޭ އާންމުކޮށްފައެވެ. އަދި ފްލެޓު ލިބޭ މީހުންގެ މެދުގައި ގުރު ނަގައި އެއްބަސްވުންތަކުގައި ވަނީ ސޮއި ވެސް ކުރަން ފަށައިފައެވެ.
އޭސީސީއިން ހައުސިން މިނިސްޓްރީއަށް މިރޭ ފޮނުވި ސިޓީއަކުން އަންގާފައި ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި އެ ފުލެޓްތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް ހުއްޓާލުމަށެވެ.
އެނގިފައިވާ ގޮތުގައި އޭސީސީގެ ތަހުގީގަށް މިހާތަނަށް އައިއިރު ފާހަގަވެފައި ވަނީ ފްލެޓްތަކަށް ޝަރުތު ހަމަނުވާ މީހުންތަކެއް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި އެ މީހުންނަށް ޕޮއިންޓް ދިނުމާއި ފޯމުތައް އިވެލުއޭޓް ކުރިއިރު، އުސޫލާ ހިލާފަށް ބައެއް މީހުންނަށް ޕޮއިންޓް ދިނުމާއި ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަން ޔަގީންކުރެވެން އޮތް ހާލަތްތަކުގައި އެކަން ކޮށްފައިނުވުމެވެ.
ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ ތިން ކޮޓަރީގެ ފްލެޓުގެ މަހު ކުއްޔަކީ 7،000ރ. އާއި މަރާމާތުގެ ފީ ގޮތުގައި މަހަކު ދައްކަން ޖެހޭ 1،000ރ. އާ އެކު ޖުމްލަ 8،000ރ. އެވެ. އަދި ދެ ކޮޓަރީގެ މަހު ކުއްޔަކީ 5،000ރ. އާއި މަރާމާތުގެ ފީ ގޮތުގައި މަހަކު 1،000ރ.އެވެ.
ކުލި ދެއްކުމަށް ފެށުމަށް ހަމަޖެހިފައިވަނީ ފުލެޓް ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑް އަކަށްފަހު ކަމަށް ހައުސިން މިނިސްޓްރީގެ އިއުލާންގައިވެއެވެ. އަދި ކުލި ދައްކަން ޖެހޭނީ 300 މަސް ވަންދެން ކަމަށް ވެސް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!