ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކަނބަލުންނަށް ހާއްސަކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ވޮލީ ކޭމްޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
މި ކޭމްޕަކީ އެ ރަށު ކްލަބް ޖީއެސް އިން އިންތިޒާމްކޮށް ހޯރަފުށީ ޕޮލިހާއި އެ ރަށު ކައުންސިލް، ޑަބްލިއުޑީސީ، ކްރައިމް ޕްރެވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންގޮސްފައިވާ ކޭމްޕެކެވެ.
މި ކޭމްޕް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން 12 ދުވަހުގެ ނިޔަލަށެވެ. މި ކޭމްޕްގެ ނިންމުމުގެ ރަސްމިއްޔާތު ރޭ ބާއްވާފައިވާއިރު މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދުއެވެ. މި ރަސްމިއްޔާތުގައި ވަނީ ކޭމް ފުރިހަމަކުރި 43 ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފައެވެ.
ކްލަބް ޖީއެސްގެ ފަރަތުން ވަނީ ކާމިޔާބު ކަމާއިއެކު މި ކޭމްޕް ކުރިއަށް ގެންގޮސް ނިންމާލުމުގައި އެހީތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
މި ކޭމްޕް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ވޮލީބޯޅައަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ވޮލީގެ ހުނަރު އިތުރުކޮށް، ރަނގަޅު ފެންވަރުގެ ކުޅުންތެރިންނަށް ވުމުގެ ފުރުސަތު ހޯދައި ދިނުމުގެ އިތުރުން ކޭމްޕްގެ ތެރެއިން ކުޅުންތެރިންގެ ގާބިލުކަން އިތުރު ކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!