މާލޭގައި ހުންނަ ވީއެފްއެސް ގްލޯބަލް ޖޮއިން ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރުން ޔޫރަޕްގެ އިތުރު ތިން ގައުމެއްގެ ވިސާ އަށް އެދެވޭ ގޮތް ހަދައިފިއެވެ.

ޔޫރަޕް ގައުމުތަކުގެ ތެރެއިން، އޯޕަން ބޯޑާސް ގައުމުތައް ނުވަތަ ޝެންގެން ވިސާގައި ދަތުރުކުރެވޭ ގައުމުތަކުގެ ތެރެއިން ރާއްޖެއިން ވިސާ އަށް އެދެވޭގޮތަށް އަލަށް ހަމަޖެއްސި ތިން ޤައުމަކީ ފްރާންސް އާއި ސްޕެއިން އާއި ޕޯޗުގަލް އެވެ.

Ad
rt

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އިއްޔެއިން ފެށިގެން މި ތިން ގައުމަށް ޝެންގެން ވިސާގައި ދަތުރު ކުރުމަށް މާލޭގައި ހުންނަ ވީއެފްއެސް ވިސާ އެޕްލިކޭޝަން ސެންޓަރުން ވިސާ އަށް އެދި ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ލުއި ފަސޭހަކަން ހޯދައިދިނުމަށްޓަކައި މާލޭގައި ވީއެފްއެސްގެ ގްލޯބަލް ޖޮއިންޓް ސެޝަންގެ ވިސާ އެޕްލިކޭޝަން ސެންޓަރެއް ގާއިމު ކުރީ 1 މާރިޗް 2020 ގައެވެ. އަދި މި މި ސެންޓަރު މެދުވެރިކޮށް ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ ވިސާ އަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވިގެން ގޮސްފައެވެ.

މިޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރެއްވި މަސައްކަތުގެ ދަށުން، މާލޭ ވީއެފްއެސް ގްލޯބަލް ޖޮއިން ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރާއި، ސްވިޒަލެންޑު މިއަހަރުގެ އޯގަސްޓް 23 އިން ފެށިގެން ރަސްމީކޮށް ވަނީ ގުޅުވާލާފައެވެ.

މިއާއެކު، އެ ސެންޓަރު މެދުވެރިކޮށް ސްވިޒަލެންޑް، ބެލްޖިއަމް، ނެދަލެންޑް، ޕޮލެންޑް، ލަގްޒެމްބޯގް އަދި ސްލޮވީނިއާ އަށް ޝެންގަން ވިސާއަށް އެޕްލައި ކުރެވޭނެ ގޮތަށް ފަހިކޮށްދީފައެވެ.

މި ފުރުސަތު ތަނަވަސްކޮށް ދެވުމާއެކު، ޝެންގެން ވިސާ ހޯދުމަށް ދިވެހިން ކުރިން އުފުލަމުން ދިޔަ ތަކުލީފު ނައްތާލައި، ލުއިކަން ހޯދައިދެވިފައިވާކަމަށް ދެކޭކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.