ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ގަރާރު އޮތީ ރަނގަޅަށް ނޫންކަމަށް ކަނޑައަޅައި އެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވެން ނެތްކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ނިންމައިފިއެވެ.
އެ މައްސަލަ އެޖެންޑާކޮށް މިއަދު ޖަލްސާ ފެށުމާއެކު ޑިމޮކްރެޓިޓްސްގެ މެންބަރު މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި އެ މައްސަލަ ސާފު ނުވާކަމަށް ވިދާޅުވެފައެވެ. މިގޮތުން އެއީ ގަރާރެއްކަމެއް، ކުއްލި މައްސަލައެއް ކަމެއް، ބިލެތްކަމެއް ނުވަތަ ސިޓީ އެއްކަމެއް ވެސް ސާފުނުވާކަމަށް ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގެ ބައެއް މާއްދާތަކާއި ހަވާލާއި ދެއްވައި އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ރީތި ގޮތުގައި މަޖިލިސް ކުރިއަށް ގެންދަން ބޭނުންނަމަ އޭނާގެ ނިޒާމީ މައްސަލަ އަށް ފުރުސަތު ދެއްވަން ވެސް އެދިވަޑައިގަތެވެ.
އެއިރު މަޖިލިސްގެ ތަޅުން އޮތީ ހަލަބޮލިވެފައެވެ. ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން އިސްވެ ދުންމާރިފަދަ ތަކެތި ބޭނުން ކުރައްވައިގެން ތަޅުމުގައި ގެންދެވީ އަޑުގަދަ ކުރައްވަމުންނެވެ.
އާޒިމްގެ ނިޒާމީ މައްސަލަ އަށް ފަހު، ރިޔާސަތުން ބައެއް މެންބަރުންނަށް ބަހުސަށް ފުރުސަތު ދެއްވިއެވެ. މިއަދުގެ ޖަލްސާގައި އަލީ އާޒިމްގެ ނިޒާމީ މައްސަލައަށްފަހު ވާހަކަ ދެއްކެވި މެންބަރުންކުރެ އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވާހަކަފުޅު ދައްކަވައި ނިންމަވާލެއްވުމުން ރިޔާސަތުން ހަސަން އަފީފު ވިދާޅުވީ، މީގެ ކުރިން މަޖިލީހުގައި ކަންހިނގާފައި ހުރިގޮތައް ބަލާއިރު ސުޕްރީމު ކޯޓުން ނިންމެވި ނިންމުމުގެ ސަބަބުން ކަންތައްތަކެއް ބަދަލުވެގެން ހިނގައްޖެ ކަމަށެވެ.
''އަޅުގަނޑުމެންނަށް މަޖިލީހުގައި ގަވާއިދުގެ 205 ވަނަ މާއްދާގައި އޮންނަނީ މި ހުށަހެޅިފައި އޮތް ކަންތަކުގައި ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސޭ، އެގޮތަކަށް ނޫން ސުޕްރީމް ކޯޓުން ނިންމެވީ، އެ ދެމިގެން ދާ ގޮތައް އޮންނަނީ، އެހެންވީމަ އެހެން ހުރިހާ މާއްދާތަކާއި ގުޅިގެން މިކަން ކުރިއަށް ގެންދެވޭނީ'' ރިޔާސަތުން ވިދާޅުވިއެވެ.
އެއަށްފަހު ރިޔާސަތުން ވިދާޅުވީ އަލީ އާޒިމް ހުށަހެޅުއްވި ނިޒާމީ މައްސަލަ ބައްލަވައިފިކަމަށާއި، ގަރާރު އޮތީ މަޖިލީހުގެ ގަވާއިދާ އެއްގޮތައް ނޫންކަމަށެވެ.
''މެދުހެންވޭރު ދާއިރާގެ އިއްޒަތްތެރި މެންބަރު ޢަލީ އާޒިމް ހުށަހެޅުއްވި ނިޒާމީ މައްސަލަ އަޅުގަނޑު ބަލައިފިން، މި ޤަރާރު މަޖިލީހުގެ ގަވާއިދާ އެއްގޮތަކަށް ނޫން މިއޮތީ، އެހެންވީމަ އަލުން މި މައްސަލަ އަލުން ހުށަހެޅުމަށް ޖަލްސާަ ނިންމާލީމި'' ރިޔާސަތުން ޖަލްސާ ނިންމާލިކަން ޢިއުލާން ކުރައްވަމުން ވިދާޅުވިއެވެ.
އެވަގުތު ތަޅުމުގައި ތިއްބެވި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕީޖީ ގްރޫޕްގެ މެންބަރުން އެއް އަޑަކުންހެން، ހަރުއަޑުން ''ތިހެން ނެހެދޭނެ'' ކަމަށް ވިދާޅުވަމުން ގެންދެވިއެވެ.
ނަޝީދުގެ އިތުބާރުގެ މައްސަލަ ފުރަތަމަ އެޖެންޑާކުރި ޖަލްސާ ކުރިއަށް ނުގެންދެވުމުން ހަމަ އެ ދުވަހު، ( އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު) އެމްޑީޕީން ސުޕްރީމް ކޯޓަށް ވެއްދި ދުސްތޫރީ މައްސަލައިގެ ހުކުމް މި މަހުގެ 9 ވަނަ ދުވަހު އިއްވާފައިވާއިރު، މަޖިލީހުގެ ނައިބު ރައީސް ނެތަސް މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
''ރައްޔިތުންގެ މަޖިލިސްގެ ރައީސް ވަކިކުރުމުގެ މައްސަލާގައި އެޖެންޑާކުރެވޭ ގަރާރު ހުށަހަޅާ ގޮތެއް ނިންމަން ތާވަލުކުރެވޭ އެއްވެސް ޖަލްސާއެއް ލަސްކުރަންޖެހޭ ޒަރޫރަތްތެރި ހާލަތެއް މެދުވެރިވި ނަމަވެސް ގާނޫނުއަސާސީންނާއި، ގާނޫނުންނާއި، ރައްޔިތުންގެ މަޖިލިސްގެ ގަވާއިދުގެ ދަށުން ލާޒިމްކުރާ އެހެނިހެންކަންކަން ކުރަން މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅަން'' ފަނޑިޔާރު މަހާޒް އަލީ ޒާހިރު އިއްވެވި މި މައްސަލައިގެ ހުކުމްގަ ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!