ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާ ފަށައިފިއެވެ.
މިއަދުގެ ޖަލްސާ އަށް ވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ވަޑައިގެންފައި ނުވާއިރު، ކުރިން މި މައްސަލަ ތާވަލުކުރި ޖަލްސާތައް ވެސް ކުރިއަށް ނުގެންދެވުނީ އީވާ ސަލާމް ފޮނުއްވައި، މަޖިލީހަށް ވަޑައިނުގަތުމުންނެވެ.
މިއަދު މަޖިލީހުގެ ރިޔާސަތުގައި މިވަގުތު އިންނެވީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
މިއަދުގެ ޖަލްސާ ފެށިއިރު މަޖިލިސްގެ 58 މެންބަރަކު ޖަލްސާއަށް ވަޑައިގަތެވެ. އަދި ތިން މެންބަރަކު ސަލާމްގައި ތިއްބެވިކަމަށް ރިޔާސަތުން ވިދާޅުވިއެވެ.
ނަޝީދުގެ އިތުބާރުގެ މައްސަލަ ފުރަތަމަ ތާވަލު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދުވަހު ޖަލްސާ ކެންސަލްކުރީ އީވާ މަޖިލީހަށް ސަލާމް ފޮނުއްވުމުންނެވެ. އެއާއެކު އެމްޑީޕީން ވަނީ ހަމަ އެދުވަހި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދާފައެވެ.
މި މައްސަލައިގެ އަޑުއެހުންތައް ނޮވެމްބަރު 6 ވަނަ ދުވަހު ފަށައި، ނޮވެމްބަރު 9 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ މަޖިލީހުގެ ނައިބު ރައީސް ނެތަސް މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ހުކުމް ކޮށްފައެވެ.
އެއާއެކު އެ ޖަލްސާ މިއަދަށް ތާވަލު ކުރީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!