ކުޅުދުއްފުށި ސިޔާސީ ގޮތުން ބާރުވެރި ވުމަށް ރައްޔިތުން ވަނީ ހަރުދަނާ ބިންގަލެއް އަޅާފައި ކަމަށާއި، ދެންއޮތީ އެ ބިންގަލުގެ މައްޗަށް ސިޔާސީގޮތުން ނުފޫޒުގަދަ ރަށަކަށް ވުމުގެ މަސައްކަތް ކުރުންކަމަށާއި، އެކަން ކުރެވޭނީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕޮޓެންޝިއަލް ހުރި އެ ރަށު މީހުންނަށް އެރަށު ރައްޔިތުން ފުރުސަތު ދީގެން ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

އާތިފް ފޭސްބުކްގައި ލިޔުއްވާފައިވާގޮތުގައި ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލީސް އިންތިހާބުގައި ވާދަކުރުމަށް އެ ރަށުގެ ގިނަ ފަރާތްތަކެއް އިއުލާން ކުރަމުންދާތަން ފެނުމަކީ ކުޅުދުއްފުށީި މީހެއްގެ ހައިސިއްޔަތުން އޭނާ ނުހަނު އުފާކުރާ ކަމެކެވެ.

Ad
rt

''އޭގެ މާނައަކީ 19 ވަނަ މަޖިލީސް އިންތިހާބާއެކު ރަށުގެ ސިޔާސީ ވެއްޓަށް ރައްޔިތުންނިކުމެ ގެނައި ބަދަލުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަންފެށިކަން'' އާތިފް ވިދާޅުވެފައެވެ.

19 ވަނަ މަޖިލީހަކީ ފުރަތަމަ ފަހަރަށް ކުޅުދުއްފުށީގެ ދެ ގޮނޑިއަށް އެރަށުގެ ދެ ބޭފުޅަކު އިންތިޚާބުވި ފަހަރެވެ. އާތިފް އިޝާރާތް ކުރައްވާފައި މި އެ ބަދަލާއެކު އެ ރަށަށް ލިބުނު ސިޔާސީ ބާރުވެރިކަމަށް ކަމަށް ބެލެވެއެވެ.

އާތިފް އިތުރަށް ވިދާޅުވީ، ސިޔާސީ ގޮތުން ކުޅުދުއްފުށި ބާރުވެރި ވުމަށް ރައްޔިތުން މިވަނީ ހަރުދަނާ ބިންގަލެއް އަޅާފައި ކަމަށެވެ. އަދި ދެންއޮތީ މި ބިންގަލުގެ މައްޗަށް ސިޔާސީގޮތުން ނުފޫޒުގަދަ ރަށަކަށް ވުމުގެ މަސައްކަތް ކުރުން ކަމަށެވެ.

''އެކަންވެސް ކުރެވޭނީ ސިޔާސީ ތަޖުރިބާއާއި އެދާއިރާއިން ކުރިއަށްދިއުމުގެ ޕޮޓެންޝިއަލް ހުރި ރަށު މީހުންނަށް ރައްޔިތުން ފުރުސަތު ދީގެން، އިރާދަކުރެއްވިއްޔާ ކުޅުދުއްފުށީގެ ރައްޔިތުން އެކަންވެސް ހާސިލްކުރާނެ.'' އާތިފް ވިދާާާާާާޅުވެފަވެއެވެ.

އާތިފް މިހެން ވިދާޅުވެފައިވާއިރު، ކުޅުދުއްފުށީގެ ގޮނޑިއަކަށް ވާދަކުރުމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވަނީ ނިންމަވާފައެވެ.