ސިނަމާލެ ބްރިޖްގައި ގަވައިދާ ހިލާފަށް ބާރަށް ދުއްވާ އުޅަނދުތަކާއި، ގަވައިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ އެ އުޅަނދުތަކުގެ ވެރިންގެ ފޯނަށް ނަސޭހަތުގެ މެސެޖް ފޮނުވަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމައިފިއެވެ.
މިއަދު އެ މުއައްސަސާއިން ވިދާޅުވެފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސިނަމާލެ ބްރިޖުގައި ދުއްވަން ހުއްދަ ކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި ގަވައިދާ ޚިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ އަދި އުޅަނދެއް ދުއްވި ބާރުމިން އެނގޭގޮތަށް އެ އުޅަނދެއް ރަޖިސްޓަރީ ކޮށްފައިވާ ފަރާތުގެ ފޯނަށް ނަސޭހަތުގެ މެސެޖް ފޮނުވަން ނިންމާފައިވާ ކަމަށެވެ.
އެ މުއައްސަސާއިން އިތުރަށް ވިދާޅުވީ އުޅަނދު ދުއްވި ބާރުމިނާއި ލޭން ބަދަލުކުރި ކަން ދެނެގަންނާނީ ސިނަމާލެ ބްރިޖްގައި ހަރުކޮށްފައިވާ ސްޕީޑްބަލާ ކެމެރާތަކުން ކަމަށެވެ. އަދި އެ މުއައްސަސާއިން ވަނީ މަގުމަތީގެ ރައްކާތެރި ކަމަށް ހެދިފައިވާ ގަވައިދުތަކަށް އިހުތިރާމްކޮށް އެއާއި އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކޮށްފައެވެ.
ފާއިތުވި މުއްދަތުގައި ބްރިޖްމަތީ ގަވައިދާ ހިލާފަށް ބާރު ސްޕީޑުގައި ދުއްވުމާއި ގަވައިދާ ހިލާފަށް ލޭން ބަދަލުކުރުމުގެ ސަބަބުން ވަނީ ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!