މާފަރުފަޅު ހިއްކައި އެތަނުގައި މުޅި އދ. އަތޮޅަށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދ. ހިބަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން މަހިބަދޫއަށް ދިމާވެފައިވާ ބިމުގެ މައްސަލައާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެވޭނެ ދެ ގޮތެއް އެބައޮތްކަން ވަނީ ފާހަގަ ކުރައްވާފައެވެ.

Ad
rt

އެގޮތުން ފުރަތަމަ ގޮތަކީ އެރަށުގައި ވީރާނާވެފައި ހުރި އިމާރާތްތަކެއް ތަޅައިލާ، އެ ބިމުގައި ހައުސިން ޔުނިޓްތަކެއް އެޅުން ކަމަށާއި ރައްޔިތުން އެކަމަށް އެއްބަސްވާނަމަ އޭނާގެ ވެރިކަމެއްގައި 100 ހައުސިން ޔުނިޓް މަހިބަދޫގައި އަޅައިދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދެވަނަ ގޮތަކީ މަހިބަދޫއާ ކައިރީގައި އޮންނަ މާފަރުފަޅު މަހިބަދޫގެ އިހްތިސާސްގެ ތެރެއަށް ގެނެސް، އެ ފަޅުގައި މުޅި އަތޮޅަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގައި، ދިގު މުއްދަތުގެ ޕްލޭނެއްގެ ތެރެއިން އެތަން އާބާދުކުރުން ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަން ޕިއެންސީ އަށް ލިބިއްޖެނަމަ، މަހިބަދޫއަށް ކޮށްދެއްވާނެ ބައެއް ކަންކަން ހިއްސާކުރައްވާ މުއިއްޒު ވިދާޅުވީ އެރަށުގެ ހޮސްޕިޓަލާއި ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްގީކޮށްދެއްވާނެ ކަމަށެވެ. އަދި ކުނި މެނޭޖުކުރުން ހަރުދަނާ ކުރުމާއި ނުހެދި ހުރި ހުރިހައި މަގެއް ޒަމާނީ ފެންވަރަކަށް ހަދައިދޭނެ ކަމަށެވެ.