ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިމާރާތްކުރަމުން އަންނަ ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓްގައި ހިމެނޭ، ފްލެޓަށް ޝަރުތު ހަމަވާ އެންމެނަށް ލެޓް ދެވޭނީ އަންނަ ދައުރުގެ ތެރޭގައި ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުުވެއްޖެއެވެ.

ސަރުކާރުން ނިންމާފައި ވަނީ މި ލިސްޓްގައި ހިމެނޭ ޝަރުތު ހަމަވާ އެންމެނަށް ފްލެޓް ދިނުމަށެވެ.

Ad
rt

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ގދ. ނަޑެއްލާއަށް ވަޑައިގެން އެރަށުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް އިއްޔެ ވިދާޅުވެފައި ވަނީ، ސަރުކާރުން ޢާންމު ކުރި ފްލެޓް ލިސްޓުގައި ޝަރުތު ހަމަވާ 13,000 އަށްވުރެ ގިނަ މީހުން ހިމެނޭ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގައި އެއިން ކޮންމެ މީހަކަށް ފްލެޓް އަޅައިދީ, ހަވާލު ކުރާނެ ކަމަށް ވިދާޅުވިއެވެ.

"އެއިން ކޮންމެ މީހަކަށް، އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މާލޭ ފްލެޓް އަޅައިދީ، ހަވާލުކޮށްދޭނަން،" ރައީސް ވިދާޅުވެފަވެ އެވެ.

ސަރުކާރުން އިއްޔެ ޢާންމު ކުރި ވަގުތީ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 8 އޯގަސްޓް 2023 އިން 22 އޯގަސްޓް 2023 ގެ 23:59 ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި މި ލިސްޓަށް ޝަކުވާ ހުށަހަޅަން ޖެހެނީ "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށެވެ.

ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަށް އުފައްދާފައިވާ ކުންފުނި، ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ހުޅުމާލޭގައި 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓްމެންޓެވެ.