ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރަނީ، އެމަނިކުފާނު ކޮށްދެއްވާފައިވާ މަަސައްކަތްތަކުގެ ސަބަބުން ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭނަށް އިއްޔެ ކުޅުދުއްފުށީ ސިޓީ އަށް ވަޑައިގެން ރޭ އެރަށު އެމްޑީޕީ ޖަގަހައިގައި ބޭއްވި ޖަގަހަ ޖަލްސާއަށްފަހު އެވެ.

Ad
rt

ޝާހިދުގެ ޓްވީޓާއާއި ފޭސްބުކްގައި އެ ޖަގަހަ ބައްދަލުވުމުގެ ބައެއް ފޮޓޯ ހިއްސާކުރައްވައި ލިޔުއްވާފައިވަނީ، އިސްލާހީ ކަންކަން ފެށިގެން އައި އައުމުގައި ކުޅުދުއްފުށީ ސިޓީގެ ދައުރު އިންތިހާއަށް ބޮޑު ކަމަށެވެ. އަދި މި ދަނޑިވަޅަކީ ވެސް ކުޅުދުއްފުށީ ސިޓީ އެއްފަރާތްކޮށްލެވޭނެ ދަނޑިވަޅެއް ނޫން ކަމަށް ވިދާޅުވިއެވެ.

''‏ކުޅުދުއްފުށިން މި ފެންނަނީ އާދަޔާ ޚިލާފު ރޫހެއް. އާދަޔާ ޚިލާފު ފޯރިއެއް. މި ސިޓީގެ ރައްޔިތުން ރައީސް ޞާލިޙަށް ތާއީދު ކުރައްވަނީ ކޮށްދެއްވާފައިވާ މަަސައްކަތްތަކުގެ ސަބަބުން. ދުރުވިސްނޭ ސިޔާސަތުގެ ސަބަބުން.'' ޝާހިދު ވިދާޅުވެފަވެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އެމްޑީޕީން ހދ. އަތޮޅަށް ކަނޑައަޅާފައިވާ ކޯޑިނޭޓަރަކީ ޝާހިދުއެވެ. ޝީހިދު މިހާރު ގެންދަވަނީ އެ އަތޮޅުގެ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙްގެ ކެމްޕޭން މަސައްކަތްތައް ކުޅުދުއްފުށީގައި ފެށިގެން ކުރިއަށްދާއިރު، އެމްޑީޕީގެ މެންބަރުން ގޮތުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ހޮވުނު ހުރިހާ ކައުންސިލަރުން ވަނީ، ދާދިފަހުން އުފެދުނު ދަ ޑިމޮކްރެޓްސް އަށް ބަދަލުވެފައެވެ.