ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި މައްސަލާގައި ސަސްޕެންޑު ކޮށްފައިވާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިމަހުގެ 12 އިން ފެށިގެން އާދަމް އަލީގެ ސަސްޕެންޝަން އިތުރުކުރުމަށް އަންގާފައިވާނެ ކަމަށެވެ.

Ad
rt

އޭނާ ސަސްޕެންޑު ކޮށްފައި ވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި ހަސްމަކަށް މެޖިސްޓްރޭޓް އަލީ އާދަމް ގުޅައި މެސެޖުކޮށް ހެދި މައްސަލައެއްގަ އެވެ. އޭނާ ސަސްޕެންޝަން އިތުރުކުރީ މައްސަލަ ނިމެންދެން ކަމަށް ޖޭއެސްސީން ބުންޏެވެ.

މީގެ ކުރިން ވެސް އަލީ އާދަމްއާ ގުޅުންހުރި ބައެއް މައްސަލަތައް އެ ކޮމިޝަނުން ވަނީ ބަލައިފަ އެވެ. އޭގެ ތެރޭގައި ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާ ގުޅޭ މައްސަލައަކާއި، ތަފްރީގް ކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށްދިން މައްސަލައަކާއި އަމިއްލަ ޖަމިއްޔާއެއް އުފައްދައި ހަރަކާތްތެރިވި މައްސަލައެއް ހިމެނެ އެވެ.

ކައިވެނި ރުޖޫއަކޮށްދިނުމާއި ޖަމިއްޔާ އުފެއްދި މައްސަލައާއި ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް މަހު އަލީ އާދަމް ދެ ހަފުތާއަށް ސަސްޕެންޑު ވެސް ކުރި އެވެ.