ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ މިއަދު ދީފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ވަނީ ދީފައެވެ. ނަމަވެސް އެ އިދާރާއިން އަދި މިކަމާގުޅޭ ރަސްމީ ބަހެއް ހާމައެއް ނުކުރައްވައެވެ.

Ad
rt

ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ އަދީބަށް ދިންއިރު އޭނާ އަށް ވަނީ މި މަހުގެ 5 ވަނަ ދުވަހުގެ ރޭ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ވެސް ދީފައެވެ.

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ރައީސްގެ މަގާމުގައި ހުންނެވި އަދީބުގެ ސިއްހީ ހާލަތާގުޅޭގޮތުން އެ ޕާޓީން މިދިޔަ ހަފްތާގައި ބުނެފައި ވަނީ އަދީބަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވީ ބައިނަލްއަގުވާމީ އުސޫލުތަކާއި ރާއްޖޭގެ ވެސް ގާނޫނުތަކާއި ޚިލާފަށް 2015 އިން 2018 އަށް 24 ގަޑިއިރުވަންދެން، ބޭރަށް ނުނުކެމެވޭގޮތަށް، އޭނާ ޖަލު ބަންދުގައި ބޭއްވުމުގެ ސަބަބުން ކަމަށެވެ.

އަދީބުގެ ހާލަތު މިހާރު ހުރީ ކަންބޮޑުވާންޖެހޭފަދަ ހާލަތެއްގައި ކަމަށް ޖުލައި 6 ވަނަ ދުވަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެ ޕާޓީން ބުނެފަވެއެވެ.

ކުރީގެ ސަރުކާރުގައި ހިނގާފައިވާ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާއި ގުޅިގެން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަދީބަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. ނަމަވެސް ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމާ އެކު އަދީބު ޖަލުން ގޭބަންދަށް ބަދަލުކުރިތާ މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ.