ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރުމަށް ގޮތެއް ހޯދުމަކީ އިދިކޮޅު ޕާޓީތަކުގެ މަސްއޫލިއްޔަތެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ނަޝީދު ވަނީ ރައްޔިތުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން އެއްގޮތަަކަށް ވެސް ކަމުނުދާ ކަމަށާއި ރައްޔިތުން އެދެނީ މި ވެރިކަން ބަދަލުކުރުމަށް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ގޮތަށް ހުރިހައި ޕާޓީތަކުން އެއްބަސް ކިޔައިގެން އެކީގައި މަޝްވަރާކުރެވި، ރައްޔިތުންނަށް ރަނގަޅު ގޮތެއް ހޯދައިދެވޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކައިގާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމަނިކުފާނާއި، ރައީސް ޔާމީން ވެސް ވާދަކުރެއްވުން ބުއްދިވެރި ނޫން ކަމަށާއި އޭގެ ބަދަލުގައި ދެބޭފުޅުން ވެސް އެކުގައި ބާރަށް މަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން އެދޭގޮތް ހޯދައިދެއްވުން މާރަނގަޅު ކަމަށް ވިދާޅުވިއެވެ.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި މި ޖަލްސާގައި ނަޝީދު އިތުރަށް ވިދާޅުވީ ދަޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ބޮޑު ކަމަށާއި އެޕާޓީ އުފެދިގެން އަންނަނީ އެމްޑީޕީގެ %80 މެމްބަރުންގެ މައްޗަށް ކަމަށެވެ.

މި ޖަލްސާގައި ދަ ޑިމޮކްރެޓްސްގެ ނަމާއި ލޯގޯ ފާސްކޮށްފައިވާއިރު، އެޕާޓީގެ އާންމު ނަމެއްގެ ގޮތުގައި ފާސްކޮށްފައިވަނީ "ޑިމޮކްރެޓްސް" އެވެ. އަދި ކުލަތަކުގެ ގޮތުގައި ހުދު ކުލައާއި މަޑުނޫ ކުލައާއި ކަޅުކުލަ ކަމަށް ފާސްކުރިއިރު، ޕާޓީގެ އަސާސީ ގަވާއިދު ވެސް ވަނީ ޖަލްސާގެ ބައިވެރިވި ބައިވެރިންގެ އިއްތިފާގުން ފާސްކޮށްފައެވެ.

ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން އުފެދުނު "ފިކުރެއްގެ ދިރުން" ހަރަކާތުން އުފެދުނު ސިޔާސީ ޕާޓީއެވެ.