ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް އެއް ފަރާތް ކުރިޔަސް, ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުށް ސާބިތުވާނެ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އޮތީ އިއްވައިފަ އެވެ. އަދި އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.

Ad
rt

ހައި ކޯޓުގައި މިއަދު ބޭއްވި އިސްތިއުނާފް އަޑުއެހުމުގައި ދައުލަތުން ބުނީ އަދީބާއި ޒިޔަތު ހެކިންގެ ގޮތުގަިއ ހުށަހެޅީ ކޮރަޕްޝަން ފަދަ ކުށްތަކަކީ މަދު ބަޔަކު ބައިވެރިވެގެން ސިއްރުވެރިކަމުގައި ކުރާ ކުށްތަކެއް ކަމަށްވާތީ އާއި އެފަދަ މައްސަލަތަކުގައި އެގޮތަށް ހެކިން ހުށަހެޅުމަކީ އެހެން ގައުމުތަކުގައި ކުރާ ކަމަށްވާތީ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި އަދީބާއި ޒިޔަތުގެ ހެކިބަސް ނެތަސް، ކުށް ސާބިތު ކުރެވޭނެ އެހެން ހެކިތައް އެބަހުއްޓެވެ. އަދި އެ ދެ މީހުން ދިނީ ދޮގު ހެކިބަސް ކަމަށް ބަލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނި ގޮތުގައި ލިބިވަޑައިގަތް ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ޔާމީންގެ ފަރާތުން ބުނެފައި ވިޔަސް، އެކަން ސާބިތުކޮށް ދެވިފައެއް ނުވާ ކަމަށާއި އަދި މިއީ ކުށްކޮށްގެން ހޯދި ފައިސާއެއް ކަން ދައުލަތުން ހުށަހެޅި ހެކިތަކުން ސާބިތުވާ ކަމަށް ދައުލަތުން ބުންޏެވެ.

އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ބުނެ ޔާމީންގެ ފަރާތުން ހުށަހެޅުއްވި ދިފާއީ ހެކިންގެ ހެކިބަހަށް ބުރަދަން ނުދޭން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ޔާމީންގެ ފަރާތުން ވިދާޅުވިޔަސް، ތަހުގީގު މަރުހަލާގައި އެމަނިކުފާނު އެކަން ފާހަގަ ކުރައްވާފައެއް ނުވެ އެވެ.

ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ކަނޑައެޅުމުގެ ބާރު ކެބިނެޓާ ހަވާލު ކޮށްފައިވާ ކަމަށް ޔާމީންގެ ފަރާތުން ބުނެފައި ވިޔަސް، ދައުލަތުން ބުނިގޮތުގައި އެ ނިންމުންތައް ތަންފީޒު ކުރެވެނީ ރައީސްގެ ހުއްދަ ލިބިގެން ކަން ހެކިތަކުން އެނގޭ ކަމަށެވެ.

ދައުލަތުން ބުނިގޮތުގައި ޔޫސުފް ނައީމްގެ ފަރާތުން ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ސިޔާސީ ކަންކަމަށް ލިބުނު ފައިސާ ކަމަށް ބޭންކަށް އެމަނިކުފާނު އެންގެވި ނަމަވެސް، މާލީ ބަޔާންތަކުގައި ޔޫސުފް ނައީމްގެ ފަރާތުން އެފަދަ ފައިސާއެއް ލިބިވަޑައިގަތް ކަމަށް ބުނެފައި ނެތް ކަމަށެވެ.

ދައުލަތުން އެދުނީ ޔާމީންގެ ޖަލު ހުކުމް ދަމަހައްޓައި ދިނުމަށެވެ.

ދައުލަތުގެ އެ ވާހަކަތަކަށް ޔާމީންގެ ފަރާތުން ރައްދު ދިނުމުގެ މަރުހަލާ މިހާރު ދަނީ ކުރިއަށެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހުޒައިފާ އެވެ.