އެންވަޔަރަމަންޓް އިމްޕެކްޓަ އެސަސްމަންޓް (އީއައިއޭ) މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ބ. ކުންފުނަދޫ (ސޮނެވާ ފުށި) ގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާއި ގުޅިގެން ބަނީ ހޯލްޑިންގްސް (ބީވީއައި) ލިމިޓެޑް 20 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އީއައިއޭގެ މަރުހަލާ ފުރިހަމަނުކޮށް ބީވީއައި ޖޫރިމަނާކޮށްފައިވާކަން ހާމަކޮށްފައި ވަނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ނެރުއްވި ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި އީޕީއޭއިން ވިދާޅުވެފައިވާ ގޮތުގައި ބީ.ވީ.އައިގެ ފަރާތުން އީއައިއޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ބ. ކުންފުނަދޫ (ސޮނެވާ ފުށި) ގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާއި ގުޅިގެން އެ މައްސަލަ އެ އެޖެންސީން ވަނީ ބަލާފައެވެ.
މިގޮތުން އެ މައްސަލައާ ގުޅިގެން އެއްކުރެވުނު މަޢުލޫމާތުންނާއި، ދެފަރާތް ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރުމުން އީއައިއޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ބ. ކުންފުނަދޫ (ސޮނެވާ ފުށި) ގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާކަން އެ އެޖެންސީއަށް ޔަޤީންކުރެވިފާކަމަށް އީޕީއޭއިން ވިދާޅުވެފަވެއެވެ.
އެހެންކަމުން އެ ކުންފުނިން އެ ގޮތައް އެ ޢަމަލުކޮށްފައިވާކަން ޔަޤީން ކުރެވިފައިވާތީ، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ ދަށުން 20,000ރ ރުފިޔާ އިން ބަނީ ބީވީއައި ކުންފުނި، 12 ޖޫން 2023 ގައި ޖޫރިމަނާކޮށް، 30 ދުވަހުގެ ތެރޭގައި އެ ޖޫރިމަނާގެ ފައިސާ އެ އެޖެންސީއަށް ދެއްކުމަށް އަންގާފައިވާކަމަށް އީޕީއޭއިން ވިދާޅުވެއެވެ.
މީގެ އިތުރުން އީޕީއޭއިން ވަނީ ބ. ކުންފުނަދޫ (ސޮނެވާ ފުށި) ގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމަށް މިހާރު ކުރެވިފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތަކާއި ގުޅިގެން މިހާރު ރަށުގެ ތިމާވެށީގެ ހާލަތު އީއައި.އޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު އެކަމާގުޅޭ ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި ހުށަހެޅުއްވުމަށް ވެސް ބީވީއައި އަށް އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!