ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ މަޖިލީހުގައި ދެއްކުމަކީ ވެސް ކުށަކަށް ހަދާފާނެކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނީ އިއްތިހާދެއް އުފައްދާފައެވެ. އަދި މި އިއްތިހާދުން ވަނީ ބަންޑާރަނައިބު އިބްރާހީމް ރިއްފަތު މަގާމުން ދުރުކުރުމަށް އިތުބާރުގެ މައްސަލައެއް ކުރިއަށްގެންދަން މަސައްކަތް ފަށާފައެވެ.
މިކަމާއިގުޅިގެން އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބަންޑާރަނައިބު ރިއްފަތުގެ މައްޗަށް އެ ޕާޓީގެ ފުރިހަމަ އިތުބާރު އޮތްކަމަށް ވަނީ ބުނެފައެވެ. އަދި އެއީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރާވައިގެން ހިންގާ ކަމެއް ކަމަށާއި، އެކަމުގައި އެ ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމަށް ބުނެފަވެއެވެ. މީގެ އިތުރުން އެ ޕާޓީގެ އަސާސީ ގަވާއިދާއި ޕާލިމަންޓްރީ ގްރޫޕްގެ ގަވާއިދާ ޚިލާފަށް, އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރާކާތްތަކުގައި ބައިވެރިވާ އެ ޕާޓީގެ މެމްބަރުންނާމެދު ފިޔަވަޅު އަޅާނެކަމަށް ވެސް ބުންޏެވެ.
މި ބަޔާނާއިގުޅިގެން އުޝާމް މީސްމީޑިއާގައި ވަނީ ސަރުކާރަށް ފާޑުވިދާޅުވެ، ވާހަކަ ދައްކަވާފައެވެ.
''މިދާ ރޭޓުން މިސަރުކާރުން ކުރަމުންދާ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ މަޖިލީހުގައި ދެއްކުމަކީވެސް ކުށަކަށް ހަދާފާނެ.'' އުޝާމް ވިދާޅުވެފަވެއެވެ.
އޭނާ ވިދާޅުވީ، ސަރުކާރު ޖަވާބުދާރީކުރުވުމަކީ މަޖިލީހުގެ މެންބަރުން އަދާކުރަންޖެހޭ ގާނޫނީ ވާޖިބެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަންކުރުމަށް ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމަކީ ޤާނޫނުއަސާސީން މަޖިލިސް މެންބަރުންނަށް ލިބިދޭ ހައްގެއް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅޭގޮތުން އެމްއެންޕީގެ ފަރާތުން މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވަނީ އެ މައްސަލާގައި ބަންޑާރަނައިބު ރިފްއަތު ވަކާލާތުކޮށްފައި ވަނީ ދިވެހިންގެ ހައްގުގައެއް ނޫންކަމަށް ވިދާޅުވެފައެވެ.
މިފަދަ މައްސަލައެއް އުޝާމްވެސް ބައިވެރިވެވަޑައިގަންނަވާ އިއްތިހާދުން މަޖިލިސް އަށް ހުށަހަޅުއްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 68 މެންބަރުން ތިއްބަވައެވެ. އޭގެތެރޭގައި ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ 13 މެމްބަރުން އުނި ކުރި ނަމަވެސް ރައީސް ޞާލިޙާއެކު 55 މެންބަރުން އެބަތިއްބެވިއެވެ. އެހެންކަމުން ސަރުކާރުން ބޭނުންނުވާގޮތައް މަޖިލިސްއިން ކަމެއް ފާސްކުރުމަކީ ނާދިރުކަމެކެވެ.
މަޖިލީހުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ނިސްބަތްވާ މެންބަރުންގެ އަދަދަކީ 8 އެވެ. އެއީ ޕީޕީއެމްގެ 6 މެންބަރުންނާއި ޕީއެންސީގެ 2 މެންބަރުންނެވެ. ދެން ތިއްބަވަނީ އެމްއެންޕީގެ 3 މެންބަރުންނާއި، ޖޭޕީގެ 2 މެންބަރުންނާއި، އެމްޑީއޭގެ 2 މެންބަރުންނާއި އަމިއްލަ 3 މެންބަރުންނެވެ.
މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!