މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ޕްރޮގްރާމު ފަށަން އެކަމުގެ އެއްބަސްވުމުގައި މިއާންޒް އިންޓަނޭޝަނަލް ކޮލެޖް (އެމްއައި ކޮލެޖް) އާއެކު އެ ކައުންސިލުން އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) އެވެ. އަދި އެމްއައި ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮލެޖުގެ ރެކްޓާ ލަމްޔާ އަބުދުލް ހާދީ އެވެ.
މި ޕްރޮގްރާމްގެ ދަށުން ދެ ކޯހެއް ހިންގާނެ ކަމަށް ށ. އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވާފައިވެއެވެ. މި ދެ ކޯހަކީ އެއް އަހަރުގެ މުއްދަތަށް ހިންގާ މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހާއި، ހަތަރު މަސް ދުވަހުގެ މުއްދަތަށް ހިންގާ ޔުނިވާސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް ފޯ ޑިޕްލޮމާ ކޯހެވެ.
މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހުގެ މަހު ފީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 2500 ރުފިޔާއެވެ. އަދި ޔުނިވާސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް ފޯ ޑިޕްލޮމާ ކޯހުގެ މަހު ފީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 250 ރުފިޔާއެވެ.
މި ޕްރޮގްރާމްގެ ދަށުން ހިންގާ ދެ ކޯހުގެ ކްލާސްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ ހަފްތާތަކުގެ ބަންދު ދުވަސްތަކުގައެވެ. މި ކޯސްތައް ކުރިއަށް ގެންދާނީ ށ. އަތޮޅުގެ ވެރިރަށް ފުނަދޫ ގައެވެ.
މި ކޯސްތައް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ބަންދުވީ މި މަހުގެ 7 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!