އެކިއެކި ދާއިރާތަކުން އަންހެނުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން، އަންހެނުންގެ ދުވަހާއި ގުޅުވައިގެން ދޭންފެށި "ކަމަނަ އެވޯޑް" އެ ރަށު 5 ކަނބަލަކަށް އަރުވައިފިއެވެ.

މި އެވޯޑަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުންކުރާ މަސައްކަތްތަކާއި ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރު އެ ރަށު ފެންވަރުގައި ވަޒަންކުރުމުގެ ގޮތުންނާއި މުޖުތަމަޢުގައި އަންހެނުންގެ ހައްޤުތައް ރައްކާތެރި ކުރުމަށާއި އަންހެނުންގެ ކުރިއެރުމަށް ވަކިވަކި ފަރުދުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ކޮމެޓީން ކޮންމެ ފަސް އަހަރަކުން އެއްފަހަރު ދިނުމަށް ނިންމާފައިވާ ހާއްސަ އެވޯޑެކެވެ.

Ad
rt

މި އެވޯޑް ހަފްލާ ބާއްވާފައި ވަނީ ބުދަ ދުވަހުގެރޭ ކުޅުދުއްފުށީ އަފީދުއްދީން ސްކޫލް ހޯލުގައެވެ. ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފާއި، ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ހަދީޖާ މުސާއާއި އެ ކޮމެޓީގެ މެމްބަރުންނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި މި ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިފްހާމު ހުސެއިންނެވެ.

އެ ކޮމެޓީން ކަމަނަ އެވޯޑް ދިނުމަށް ނުވަ ދާއިރާއެއް ކަނޑައަޅާފައި ވީ ނަމަވެސް ރޭގެ ހަފްލާގައި އެވޯޑް އަރުވާފައި ވަނީ ފަސް ދާއިރާއަކުން ފަސް ފަރާތަކަށެވެ.

އެވޯޑް ހާސިލް ކުރެއްވި ބޭފުޅުން

  • ހަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާ / އުއްމުކުލްސޫމް އިބްރާހީމް / ލަންދޫގެ
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ / އައިޝަތު ޝިމްލާ އަލީ / ސޭޑީގުރޯ
  • ސިއްހީ ދާއިރާ / ހަދީޖާ މޫސާ / އާހި
  • ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ދާއިރާ / އައިޝަތު ޔޫސުފް / އާފަހި
  • ސަޤާފަތާއި ތަރިކައިގެ ދާއިރާ / ޝިޔާމާ މުހައްމަދު / ރިހިވެލި

މީގެ އިތުރުން މި ހަފްލާގައި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ޚިދުމަތްކުރެއްވި 44 އަންހެން ބޭފުޅަކަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.

މި އެވޯޑް ދިނުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި، އަންހެނުންކުރާ އަގުހުރި މަސައްކަތްތަކާއި އަންހެނުން ހާސިލް ކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަން ކުރުމެވެ. މީގެ އިތުރުން ޤައުމީ ޚިދުމަތަށް އިތުރު އަންހެނުން ނުކުތުމަށް ހިތްވަރު ދިނުމާއި، އަންހެނުންގެ ބައިވެރިވުން މަދު ދާއިރާތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއި މިންތީގެ ހަމަހަމަކަން ޤާއިމް ކުރުމަށް މަސައްކަތްކުރާ ވަކިވަކި ފަރުދުންގެ މަސައްކަތްތައް ބަލައިގަނެ އަގުވަޒަން ކުރުމަކީ ވެސް މި އެވޯޑް ދިނުމުގެ މަޤުޞަދުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.